ސްރީ ލަންކާގެ ޓެލެމެޑިސިން ޕްލެޓްފޯމް "އޯޑޮކް"އާ ގުޅިގެން، ވީޑިއޯ ކޯލް މެދުވެރިކޮށް، ރާއްޖޭގައި ތިބެގެން އެ ގައުމުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު އުރީދޫން ހަމަޖައްސައިދީފި އެވެ.

ލަންކާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "އޯޑޮކް" އަކީ ބަލި މީހުންނާއި ޑޮކްޓަރުން ވީޑިއޯކޮށް އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވައިދޭ އޮންލައިން ޕްލެޓްފޯމެކެވެ.

އުރީދު އާއި އޯޑޮކްގެ ޕާޓްނާޝިޕްގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތަކާ، ދިވެހިން ގުޅުވައި ދޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ގުޅުމުގެ ދަށުން، "އޯޑޮކް" މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫގެ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއެކު، ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސުން ފައިސާ ދެއްކޭނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވިގޮތުގައި، ކޮވިޑާ އެކު ދުނިޔެ މިހާރު އޮތް ހާލަތަށް ބަލާއިރު، މިފަދަ ހިދުމަތެއް ރާއްޖެ އަށް ވެސް ބޭނުން ވެ އެވެ. އަލަށް ތައާރަފު ކުރި މި ހިދުމަތުގެ ސަބަބުން، ގޭގައި ތިބެ ލަންކާގެ ޑޮކްޓަރުންނަށް ދައްކައި ދަތުރުފަތުރުގެ ހަރަދާއި ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޯޑޮކްއާ އެކު ގާއިމު ކުރެވުނު ޕާޓްނާޝިޕްގެ ދަށުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ޑޮކްޓަރަށް ދައްކަން އިތުރަށް ފަސޭހަ ވެގެންދާނެ. އޯޑޮކް އަކީ ޕޭޝަންޓުން ގޭގައި ތިބެގެން ވެސް ޑޮކްޓަރުންނާ ގުޅުވައިދީ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާ ގުޅުވައިދޭ ވަރަށް ފުރިހަމަ ޕްލެޓްފޯމެއް. ދުނިޔެ މިއަދު އޮތް ހާލަތުގައި އޯޑޮކް ފަދަ ޓެލެމެޑިސިން ޕްލެޓްފޯމުތައް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ މުހިންމުކަން މިވަނީ އިތުރު ވެފައި،" ނަޖީބު ޚާން ވިދާޅުވި އެވެ.

އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް، ލަންކާގެ 450 އަށް ވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި އެ ގައުމުގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުން ވެސް ހިމެނެ އެވެ. ދިވެހި ޑޮކްޓަރުންނަށް ވެސް އޯޑޮކް ޕްލެޓްފޯމް މެދުވެރިކޮށް ދެއްކުމުގެ ފުރުސަތު ކުރިމަގުގައި ހުޅުވައިލާނެ ކަމަށް އުރީދޫން ބުންޏެވެ.

އޯޑޮކް ޕްލެޓްފޯމްގެ ހުރިހާ ޑޮކްޓަރުންނަކީ ވެސް ޑޮކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ސޮޔާއި ސްޓޭމްޕާ އެކު ބޭސް ސިޓީ ފޯނަށް ފޮނުވައިދޭނެ އެވެ.

"އޯޑޮކް" އާ ބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން http://ore.do/odoc މެދުވެރިކޮށް ލިބޭނެ އެވެ.