އެސްޓީއޯ އިން އިއްޔެ އެކަނި ވެސް 6،992 ބަސްތާގެ ކާޑު މާލެ އާއި ރަށްރަށުގެ ދޯނިތަކަށް ޑެލިވަރީ ކޮށްދީފައިވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ،
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންމެ ދުވަހަކު ހެން ގިނަ ޑެލިވަރީތަކެއް އާންމުންނަށާއި ފިހާރަތަކަށް އެސްޓީއޯ އިން ކޮށްދެމުން އަންނަ ކަމަށެެވެ. އިއްޔެ ޑެލިވަރީ ކުރި ތަކެތީގެ ތެރޭގައި 2،450 ބަސްތާ ހަނޑުލާއި 1،289 ބަސްތާ ފުށާއި 949 ބަސްތާ ހަކުރު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ އިތުުރުން އަތޮޅުތެރޭގެ އެޖެންޓުން މެދުވެރިކޮށް، ރަށްރަށަށް ބޭނުންވާ ސާމާނު ވެސް އެސްޓީއޯ އިން އަންނަނީ ޑެލިވަރީ ކުރަމުންނެވެ. އިއްޔެ އެކަނި ވެސް 48 ބޯޓަކަށް އެސްޓީއޯ އިން ކާބޯތަކެތި ފޯރުކޮށްދިނެވެ.
"މީގެ ތެރޭގައި ހިމެނޭ 2،900 ބަސްތާ ހަނޑޫ، 2،084 ބަސްތާ ފުށް، 2،008 ބަސްތާ ހަކުރު. އެ ތަކެތި ވަނީ ޑެލިވަރީ ކޮށްފައި. އަދި މިއަދު ޑެލިވަރީގެ މަސައްކަތް ވެސް އެބަ ކުރެވޭ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެސްޓީއޯގެ ފިހާރަތަކުން 201 ޑެލިވަރީއެއް މާލެ ސަރަހައްދަށް އިއްޔެ ކޮށްދިން ކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި، ރަށްރަށަށް ބޭނުންވާ 26 ޑެލިވަރީއެއް މިއަދު ވެސް އެސްޓީއޯ އިން ކޮށްދިނެވެ. އޭގެ ތެރޭގައި 1،590 ބަސްތާ ހަނޑުލާއި 1،000 ބަސްތާ ފުށާއި ހަކުރު ވެސް ހިމެެނޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯގެ ޑެލިވަރީގެ ތަފްސީލްތައް މަބްރޫކް މިއަދުގެ ބްރީފިންގައި ދެއްވީ، މާލޭގެ ކަންމަތީ ފިހާރަތަކުންނާއި ބައެެއް ރަށްރަށުން ވެސް ކާޑުގެ ބާވަތްތައް ނުލިބޭ ކަމުގެ ޝަކުވާތައް އާންމު ކުރާތީ ނޫސްވެރިން އެ ވާހަކަތައް ތިލަކުރުމުންނެވެ.
މަބްރޫކް ވިދާޅުވީ، މާލެ ސަރަަހައްދު ލޮކްޑައުން ކުރުމުން، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ސާމާނު ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި ދޯނި ފަހަރަށް ތަކެތި ޑެލިވަރީ ކުރުމަށްޓަކައި އެމްޕީއެލް އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން އުފައްދާފައިވާ "ލޮކްޑައުން ކޮމިޓީ" ން މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށްރަށަށް މިވަގުތަށް ބޭނުންވާ ތަކެތި އޮޅުން ފިލުވުމުގެ ކަންކަން ވެސް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ވަނީ މި ހާލަތުގައި ވެސް ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ކަންކަން އެސްޓީއޯ އިން އަންނަނީ ހަމަޖައްސަމުންނެވެ. ކޮވިޑް-19 މާލެއަށް ފެތުރެން ފެށުމާ އެކު، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ލޮކްޑައުން ކޮށްފަ އެވެ.މި ބައްޔަށް މާލެއިން 80 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޕޮޒިޓިވްވެފަ އެެވެ.