ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އިއުލާންކުރި އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، ބީއެމްއެލް އިސްލާމިކުން ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް އެ ފެސިލިޓީތައް ފަސްކުރަން އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިދިޔަ ހަފްތާގައި ބީއެމްއެލުން ވަނީ ކޮންވެންޝަނަލް ލޯނުތައް ފަސްކުރަން އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ހުރިހާ ފުރުސަތަކަށް ވެސް އޮންލައިންކޮށް ހުށަހެޅެ އެވެ.

ބީއެމްއެމް އިސްލާމިކް ފައިނޭންސިން އުސޫލުން ނަގާފައިވާ ފައިސާ ފަސްކޮށްދޭ މުއްދަތުގައި މި ފެސިލިޓީ ނަގާފައިވާ ފަރާތުން އެއްވެސް ފައިސާއެއް ބޭންކަށް ދައްކާކަށް ނުޖެހޭނެ އެވެ. އަދި މި މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ކަސްޓަމަރުގެ ކްރެޑިޓް ހިސްޓްރީ އަށް އެއްވެސް އަސަރެއް ވެސް ނުކުރާނެ އެވެ.

ފައިނޭންސް ފެސިލިޓީ ހަ މަސް ދުވަހަށް ފަސްކުރުމުން ފުރަތަމަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް މި މުއްދަތުގައި ފައިދާއަށް ވާ ފައިސާ ޗާޖުކުރާނެ އެވެ. މި މުއްދަތުގައި ކާފުލް ޗާޖެއްގެ ގޮތުގައި ކަސްޓަމަރު ކޮންމެ މަހަކު ދައްކާ ފައިސާ އަކީ ފައިނޭންސިން ފެސިލިޓީގައި އެކުލެވިގެންވާ ބައެއް ނޫން ކަމަށް ވާތީ އެ ފައިސާ ކަސްޓަމަރުގެ އެކައުންޓުން ކެނޑޭނެ އެވެ.

މީގެ އިތުރުން ދެން އަންނަ ހަ މަސް ދުވަހު ފައިސާ އަނބުރާ ދައްކަން ޖެހޭނީ 20 ޕަސެންޓަށް ވުރެ ކުޑަ އަދަދެކެވެ.