ހުޅުމާލެ ފްލެޓްތަކުގެ ކައިރީގައި އޮންނަ ހުސް ބިންތައް ވިޔަފާރީގެ ގޮތުގައި ބޭނުންކުރާތީ އާއި އެ ތަންތަނުގައި ބޮޑެތި ގަސްތައް ހައްދާ މީހުންނާ މެދު ފިޔަވަޅު އަޅަން މަޝްވަރާކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން ވިދާޅުވީ ފްލެޓްތަކުގެ ގްރައުންޑް ފްލޯގައި ދިރިއުޅޭ މީހުންނަށް ދޫކޮށްފައި އޮންނަ ހުސް ބިމުގައި ކޮޓަރި ހަދައިގެން ކުއްޔަށް ދޫކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހުސް ބިންތަކަކީ އެގޮތަށް ބޭނުންކުރަން ދޫކޮށްފައި ހުންނަ ތަންތަން ނޫން ކަމަށެވެ. އެ ބިންތަކުގައި ބޮޑެތި ގަސްތައް ހައްދާފައި ވެސް ހުންނަ ކަމަށާއި އެކަމުން އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ޝާން ވިދާޅުވި އެވެ.

"ފާރު ރާނަން ހުއްދަ ދީފައި އޮތީ، އެކަމަކު މަތި ބައްދާލައިގެން ދިރިއުޅުމަށް ކޮޓަރި ހަދައިގެން އެ ތަން ބޭނުންކުރާކަށް ހުއްދައެއް ދީފައި ނުވާނެ،" ޝާން ވިދާޅުވި އެވެ.

"ބަގީޗާއެއްގެ ގޮތުގައި އެތަން އޮތުމަކީ މައްސަލައެއް ނޫން، އެކަމަކު ބޮޑެތިވާ ގަސްތައް އިންދުމަކީ ފްލެޓްތަކުގައި ދިރިއުޅޭ އެހެން މީހުންނަށް އުނދަގޫވާނެ ކަމެއް،"

ހުޅުމާލެ ފްލެޓެއް. - ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފްލެޓެއް. - ފޮޓޯ: އެޗްޑީސީ

އޭނާ ވިދާޅުވި ގޮތުގައި ހުސް ބިމުގައި ބޮޑެތި ގަސްތައް ހައްދައި، ކޮޓަރި ހެދުމުން ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިންގުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ނިއްވަން ހުރަސްތަކާ ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ފްލެޓްތަކުގެ މެއިންޓަނެންސް މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާން ވިދާޅުވީ މިފަދަ ކަންކަން ކުރާ މީހުންނާ މެދު އަޅާނެ ފިޔަވަޅަކާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ފިޔަވަޅު ނާޅާ ނަމަ، މިކަން ބޮއްސުންލައިގެން ހިނގައިދާނެ ކަމަށެވެ.