ޖާހު ޕްރައިވެޓް ލިމިޓެޑްގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކުންފުނީގެ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޖައުފަރު އީސާ އާދަމް (ޖޭޖޭ) ގެ ހިތްވަރު ކަމަށް ލަންކާ ޓައިލްސްގެ މެނޭޖިން ޑިރެކްޓަރު މަހިންދުރަ ޖަޔަސޭކަރު ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ޖައުސާ ޓްރޭޑިން، މިހާރުގެ އާ ބްރޭންޑްގެ ނަމުން ނަމަ ޖާހު ޕްރައިވެޓް ލިމިޓެޑަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވަމުން ޖަޔަސޭކަރު ވިދާޅުވީ ޖައުފަރަކީ ވިޔަފާރި ހިންގުމުގެ ފުރިހަމަ ހުނަރު ލިބިފައިވާ ބޭފުޅެއް ކަން ޖާހުގެ ދިގު ތާރީޚުން ހާމަވާ ކަމަށެވެ. އަދި ޖާހްގެ ބާނީ ޖައުފަރުގެ މަސައްކަތުން ލަންކާ ޓައިލްސް ވެސް މިސާލު ނަގާ ކަމަށް ޖަޔަސޭކަރު ވިދާޅުވި އެވެ.

"ޖައުފަރުއަށް ވަރަށް ރަނގަޅަށް އެނގޭ ވިޔަފާރި ކުރިއަށް ގެންދަންވާ ވަގުތާއި ވިޔަފާރި ހުއްޓާލަން ޖެހޭ ވަގުތު. ޖައުފަރު އޭނާގެ ވިޔަފާރި ކުރިއަރުން ކުރެއްވި މަސައްކަތް ފެނި މިހާރު ލަންކާ ޓައިލްސް އިން ވެސް މި ވަނީ ތަފާތު އުފެއްދުންތައް ވިއްކަން ފަށާފައި،" ޖަޔަސޭކަރު ވިދާޅުވި އެވެ.

ޖައުފަރުގެ ކުންފުނި އެންމެ ބޮޑަށް ކުރިއަރައި އެތައް ބައެއްގެ މަގުބޫލުކަން ހޯދުމުގައި މީގެ 20 އަހަރު ކުރިން މެދުވެރިވި އެއް ފަރާތަކީ ލަންކާ ޓައިލްސް އެވެ. ރާއްޖޭގައި ފެންވަރު ރަނގަޅު ތަށިމުށި ވިއްކުމަށް ލަންކާ ޓައިލްސްއާ އެކު 1999 ގައި ޖައުފަރުގެ ކުންފުނިން ހެދި އެއްބަސްވުމުގެ ނަތީޖާ އަކީ މާލޭގައި ޝޯ ރޫމެއް ހުޅުވައި އެތައް ދިވެހިންނެއްގެ މެދުގައި މަގުބޫލް ބްރޭންޑަކަށް ލަންކާ ޓައިލްސް ވުމެވެ.

ލަންކާ ޓައިލްސްގެ އެމްޑީ ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ލަންކާ ޓައިލްސްގެ އެމްޑީ ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖަޔަސޭކަރު ވިދާޅުވީި ގޮތުގައި، ލަންކާ ޓައިލްސްއާއި ޖާހުގެ ގުޅުމަށް މިހާތަނަށް ވެސް ބަދަލެއް ނައިސް އޮތީ އެކަކު އަނެކަކަށް ކުރާ އިތުބާރުގެ ބޮޑުކަމުންނެވެ. ލަންކާ ޓައިލްސް އާއި ޖާހާ ދެމެދު އޮތީ ވިޔަފާރިއަށް ވުރެ ބޮޑަށް ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ލަންކާ ޓައިލްސްއާ އެކު ވިޔަފާރި ފެށި ނަމަވެސް ޖާހުން ވަނީ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ތަފާތު އެކި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ފަށައިފަ އެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ދެ ކުންފުނީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ޖަޔަސޭކަރު ވިދާޅުވި އެވެ.

"ޖާހުން އަޅުގަނޑުމެންގެ ޓައިލްސް ވިއްކަމުން އައިސް އިތުރު އުފެއްދުންތައް ވިއްކަން ފެށި ނަމަވެސް އަޅުގަނޑުމެން އެ ކުންފުންޏާ ވަކި ނުވީ ޖައުފަރުގެ ކުރިއެރުމަށް ހުރަސް އަޅަން ބޭނުން ނުވާތީ،" ޖަޔަސޭކަރު ވިދާޅުވި އެވެ.

ޖާހުގެ ކާމިޔާބީ އަށް ލަންކާ ޓައިލްސް އިން ފޯރުކޮށްދިން އެހީގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޖާހުގެ ކާމިޔާބީ އަށް ލަންކާ ޓައިލްސް އިން ފޯރުކޮށްދިން އެހީގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖާހްގެ ރިހިޔޫބީލް ހަފްލާ ގައި ޖައުފަރު ވިދާޅުވީ، އެއީ ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭނުންވާ ތަކެތި ގެނައުމަށް އުފެއްފި ކުންފުންޏެއް ކަމަށް ވިޔަސް އޭނާގެ އަމާޒު އަބަދުވެސް ހުރީ ދެމެހެއްޓެނިވި ވިޔަފާރިއަކާ ދިމާއަށް ކަމަށެވެ. އަދި އޭގެ ނަތީޖާ އަކީ މިއަދު ޖާހުން ކާމިޔާބުކަމާ އެކު 25 އަހަރު ފުރުން ފާހަގަކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނުވިސްނަން ވަގުތުން މުއްސަނދިވާކަށް. އަޅުގަނޑު ބޭނުންވީ ދެމިހުންނާނެ ގޮތަކަށް ވިޔަފާރި ބައްޓަން ކުރެވޭތޯ،" ޖައުފަރު ވިދާޅުވި އެވެ.

ޖާހުއަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންނާއި އެ ކުންފުންޏާ އެކު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކޮށްފައިވާ ކުންފުނިތަކުގެ ބޭފުޅުން-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޖާހުއަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންނާއި އެ ކުންފުންޏާ އެކު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކޮށްފައިވާ ކުންފުނިތަކުގެ ބޭފުޅުން-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރޭގެ ހަފްލާގައި ޖާހުން ވަނީ އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކުރި މީހުންނަށާއި ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކޮށްފައިވާ ކުންފުނިތަކަށް ހަނދާނީ ފިލާ ދީފަ އެވެ. އަދި ޖާހްގެ ދަށުން ހިންގާ ކުންފުނިތަކާއި ކުންފުނީގެ ޚަބަރުތައް ބަލައިލެވޭނެ ވެބްސައިޓެއް ވެސް މި ހަފްލާގައި ޖާހުން އިފްތިތާހު ކުރި އެވެ. ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ ލަންކާ ޓައިލްސްގެ އެމްޑީ ޖަޔަސޭކަރާއި ޖާހުގެ އެމްޑީ އަދި ޖައުފަރުގެ ދަރިކަލުން އަހުމަދު ޖަހުދާން ޖައުފަރު އެވެ.

ޖައުސާގެ ނަމުގައި ޑިސެމްބަރު 18، 1994 ގައި އުފެއްދި މި ކުންފުނީގެ ނަން "ޖާހު"އަށް ރީބްރޭންޑް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެމުން އަންނަ "ގޯލްޑް ހަންޑްރެޑް" އެވޯޑު ޖެހިޖެހިގެން ތިން އަހަރު ހާސިލް ކޮށްފަ އެވެ.