ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގެ ރޮނގުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އެވޯޑެއް ލިބިއްޖެ އެވެ.

މި އެވޯޑް ދީފައިވަނީ އިންޑިއާގެ މުމްބާއީގައި ބޭއްވި ވޯލްޑް އެޗްއާރުޑީ ކޮންފަރެންސްގައި ރޭ ބޭއްވި ގްލޯބަލް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓް ލީޑާޝިޕް އެވޯޑްސް ހަފްލާގަ އެވެ. އެ ބޭންކަށް ލިބުނީ "އެކްސެލެންސް އިން ޓްރެއިނިން ޑިވެޕޮލްމެންޓް: އޭން އޯވަރޯލް އެވޯޑް ފޯ ބެސްޓް ރިސަލްޓްސް ބޭސްޑް ޓްރެއިނިން" އެވެ.

ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ މި އެވޯޑް ބީއެމްއެލް އަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެވޯޑުން އެނގުނީ މުވައްޒަފުންގެ ކުރިއެރުމާއި ދެމެހެއްޓެނެވި ގޮތެއްގައި ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގައި ބޭންކުން ގެންގުޅޭ ސިޔާސަތުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުލާގައި، އޭޝިއާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 500 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ. މި އެވޯޑް ބީއެމްއެލަށް ދިނުމުގައި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ގެންގުޅޭ ސިޔާސަތުތަކާއި އަޅާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބޭންކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށްޓަކައި ކޮންމެ މަހަކު ވެސް ތާވަލްކޮށްގެން ތަމްރީން ދެ އެވެ. މަސައްކަތްކުރާ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މުވައްޒަފުންނަށް "ކިޔަވަމާ" ޕްރޮގްރާމާއި އިލްމާއި ހުނަރު ބޭނުންވާ މުވައްޒަފުންނަށާއި އަމިއްލަ ފަރާތްތަކަށް ތައާރަފްކުރި "ބީއެމްއެލް ރިވެލި" ޕްރޮގްރާމް، އެވޯޑް ދިނުމުގައި ފާހަގަކޮށްފައިވެ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުންޏެކެވެ. އަދި ބޭންކުގެ މުވައްޒަފުންގެ ބޮޑު ނިސްބަތަކީ ދިވެހިންނެވެ.