"ބީއެމްއެލް ސްޓާފް ޗެރިޓީ ރަން މިއަދު ބާއްވައި ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ގައުމީ ބޭންކުން މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ގައި އެހީތެރިކަން ފޯރުކޮށްދިނީ އޯޓިޒަމް އެސޯސިއޭޝަން، އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލްސް އާއި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނަށެވެ. އެ ޖަމިއްޔާތަކަށް، ބޭންކުން ވަނީ 90،000ރ. ހަދިޔާ ކޮށްފަ އެވެ.
ބީއެމްއެލްގެ މުވައްޒަފުން ބައިވެރިވެގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 200 މުވައްޒަފުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އާއި އެހެން އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވާފައި ވަނީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިންނެވެ.
ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.