އެމްވީ މެޑިކަލްސް ގެ ފަރާތުން ބާއްވާ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2017" ނޮވެމްބަރު ގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްވީ މެޑިކަލްސް އިން ބުނީ އެ އެކްސްޕޯ އޮންނާނީ އަންނަ ނޮވެމްބަރު 9-11 އަށް ނެޝަނަލް އާޓް ގެލަރީގައި ކަމަށެވެ. އަދި އެ އެކްސްޕޯގެ އަމާޒަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީސް އަދި ހިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި އެކު އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޮރުކޮށްދިނުން ކަމަށެވެ.
އެމްވީ މެޑިކަލްސް އިން ބުނީ ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުގެ އެކްސްޕޯ ވެސް ބާއްވަނީ އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެން ކަމަށެވެ. އަދި މި އެކްސްޕޯ ވެގެންދާނީ ބައިވެރިވާ ފަރާތްތަކުން ދޭ ސިއްހީ ހިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
"އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެކްސްޕޯ އަށް ހުރިހާ ފަރާތްތަކަށް ވެސް ވަނުން މުޅިން ހިލޭ. މި އެކްސްޕޯ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މައުލޫމާތު ލިބޭނެ،" އެމްވީ މެޑިކަލްސް އިން ބުންޏެވެ.
މޯލްޑިވް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ގައި ބައިވެރިވާން ބޭނުންވާ ފަރާތްކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެމްވީ މެޑިކަލްސް އަށް ގުޅުމުން، ނުވަތަ މެއިލް ކުރުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީގޮތް ކިޔައިދޭނެ އެވެ.