މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތުގެ ދަރަނި 3.9 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ އަދަދު 156.69 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ "ކުއާޓަލީ ޑެޓް ބުލެޓިން" ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް ޖުމްލަ ދަރަނި ހުރީ 152 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ތިން ވަނަ ކުއާޓާގައި ދަރަންޏަށް އިތުރުވި އަދަދާ އެކު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަނީ 127 ޕަސެންޓަށް އިތުރުވެފަ އެވެ.
ތިން ވަނަ ކުއާޓާގައި ގެރެންޓީ ހިމަނައިގެން ބޭރުގެ ދަރަނީގެ ޖުމްލަ އަދަދު 55.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. ގެރެންޓީ ހިމަނައިގެން އެތެރޭގެ ދަރަނި 101 ބިލިއަން ުރފިޔާއަށް އަރަ އެވެ.
ދަރަނި މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ތިން ވަނަ ކުއާޓާގައި އެތެރޭގެ ދަރަންޏަށް 3.4 ބިލިއަން ރުފިޔާ އިތުވުމުންނެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ބަޖެޓަރީ ސެންޓްރަލް ގަވަންމަންޓް ޑެޓް ނުވަތަ ސީދާ ސަރުކާރުގެ ދަރަނި ވަނީ 133 ބިލިއަނުން 137 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އޭގެ ތެރެއިން އެތެރޭގެ ދަރަނި ވަނީ 96.7 ބިލިއަން ރުފިޔާއިން 99.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
އެ މުއްދަތުގައި ބޭރުގެ ދަރަންޏަށް އިތުރުވެފައިވަނީ 277 މިލިއަން ރުފިޔާ އެވެ.
ތިންވަނަ ކުއާޓަރުގައި ދަރަނީގެ މައިގަނޑު ބަދަލުތައް:
- ސީދާ ސަރުކާރުގެ ދަރަނި (ބަޖެޓަރީ ސެންޓްރަލް ގަވަރމަންޓް ޑެޓް)
- ޖުމަލް އަދަދު: 137 ބިލިއަން ރުފިޔާ
- ޑޮމެސްޓިކް ނުވަތަ އެތެރޭގެ ދަރަނި: 99.8 ބިލިއަން ރުފިޔާ
- ބޭރުގެ ދަރަނި: 37 ބިލިއަން ރުފިޔާ
-
ސޮވަރިން ގެރެންޓީ ދީފައިވާ ދަރަނި:
19.6 ބިލިއަން ރުފިޔާ
-
ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި:18.4 ބިލިއަން ރުފިޔާ
- ގެރެންޓީ ދީފައިވާ އެތެރޭގެ ދަރަނި:1.2 ބިލިއަން ރުފިޔާ
ސޮވަރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި ތިންވަނަ ކުއާޓާގައި ޖުމްލަކޮށް ދަށްވެފައިވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ބައެއް ބޭރުގެ މާލީ އިދާރާތަކަށް ދަރަނި އަނބުރާ ދެއްކުމުންނެވެ. އޭގެ ތެރޭގައި އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް ބޭންކް)ގެ ދަރަންޏާއި ޗައިނާ ޑިވެލޮޕްމެންޓް ބޭންކްގެ ދަރަންޏާއި އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އިންޑިއާ އެގްޒިމް ބޭންކް) ގެ ދަރަންޏާއި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އަށް ދައުލަތުން ދައްކަން އޮތް ދަރަނި ވެސް ދަށަށް ގޮސްފައިވެ އެވެ.
މި ކުއާޓާގައި ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި އިތުރުވެފައިވަނީ ހަމައެކަނި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އަށެވެ.
ތިން ވަނަ ކުއާޓާގައި ދައުލަތުގެ ދަރަނި އިތުރުވި އިރު ދައުލަތުން ދަރަނި އަދާކުރުމަށް 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.