ދިރާގުގެ 38 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފް ކުރި ރައުޓަރު އަޕްގްރޭޑު ކުރުމަށް ފެށި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން، ދިރާގު ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، ކުރީގެ ރައުޓަރެއް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފީއަކާ ނުލާ ރައުޓަރު އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރައުޓަރު ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ތައާރަފު ކުރި ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ހިލޭ ރައުޓަރު އަޕްގްރޭޑް ކުރަން، ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ 'ފްރީ ރައުޓަރު އަޕްގްރޭޑް' ބެނާ މެދުވެރިކޮށް އަޕްގްރޭޑަށް ހުށަހެޅޭނެ އެވެ.
މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކުރުމުގެ ހިދުމަތް ދިރާގުގެ ޓީމުން އަތޮޅު ތެރޭގެ ހުރިހާ ދިރާގު ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.
މި ޕްރޮމޯޝަނަށް ޝަރުތު ހަމަނުވާ ކަސްޓަމަރުންނަށް، ފައިބާ ޕެކޭޖް 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭނަކަށް އަޕްގްރޭޑްކޮށް، ކުރީގެ ރައުޓަރު ހިލޭ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.