މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

މިފްކޯއިން ބުނީ، މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޔާއަތްކޮށް މަސްވެރިންނަށް އެކަށިގެންވާ އަގެއް ފޯރުކޮސްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ ގޮތުން އެ އަގުގައި ފެލިވަރު ބަނދަރާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކުއްޑޫ ފިޝަރީސް ކޮމްޕްލެކްސް އާއި ގދ. ތިނަދޫ ބަނދަރާއި ލ. މާމެންދޫ ބަދަރާއި މާލޭ ބަނދަރުގެ އިތުރުން ރ. މަޑުއްވަރީ ބަނދަރުން ވެސް މަސް ގަންނާނެ އެވެ.

މިފްކޯއިން އެންމެ ފަހުން އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހު އެވެ. އެ މަހު ވަނީ ކަޅުބިލަ މަހެއް 20ރ. އަށް ބޮޑުކޮށްފަ އެވެ.

ކަޅުބިލަމަހުގެ އިތުރުން ބޮޑުކަންނެލީގެ 10-15  ކިލޯ 20ރ. އަށް ވިއްކާ އިރު 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ވިއްކަނީ ކިލޯއެއް 25ރ. ގެ ރޭޓުންނެވެ.

މަހުގެ އަގު މާކެޓް ރޭޓާ އެއްގޮތަށް ބަދަލުވާން ދޫކޮޮށްލުމަށް ފަހު ކަޅުބިލަމަަސް ކިލޯއެއް 16ރ. އަށް ވެސް މިފްކޯއިން ގަންނަމުން ގޮސްފައިވެ އެވެ.