ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ. ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގް ޑިރެކްޓަރުންނެވެ.
ކަސްޓަމުން ބުނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖެ އަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެ އިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރާނެ ކަމަށެވެ.
އޭގެ މައިގަނޑު މަގްސަދަކީ މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި އެތެރެކުރާ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިއާ ގުޅުން ހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުން ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
އެ މަސައްކަތް ވިލަރެސް ކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.