ފާއިތުވި ހަ މަސް ދުވަހަކީ ބީއެމްއެލްގެ ތާރީހުގައި ވެސް އެންމެ ގިނައިން ޑޮލަރު ވިއްކި ހަ މަސް ދުވަސް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. 

މިއަދު ބާސެލޯ ނަސަންދުރާގައި ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޑޮލަރުގެ ދަތިކަމާ ގުޅުވައި ބޭންކާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ދޮގު ކުރައްވައި ޝަރީފް ވިދާޅުވީ ފާއިތުވި ހަ މަސް ދުވަހު ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ މަހަކު 80 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށާއި  ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތެއްކަން މި ހިސާބުތަކުން ހާމަކޮށްދޭ ކަމަށެވެ. 

ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފައިނޭންސިން ލިބޭ ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފައިނޭންސިން ލިބޭ ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޝަރީފް ވިދާޅުވީ ޑޮލަރުގެ ދަތިކަމެއް ބޭންކުގައި ނެތް ނެތްކަމަށާއި ބޭންކަކަށް ދަތިވަނީ ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ޑޮލަރު ވިއްކަން ޖެހޭ އަދަދުތައް އިތުރުވުމުން ކަމަށެވެ. 

"ބެންކަކަށް ދަތިތަށް ކުރިމަތި ވަނީ ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ޑޮލަރު ވިއްކަން ޖެހޭ އަދަދުތައް އިތުރުވުމުން. އެހެންވެ، ގަންނަ ޑޮލަރާއި ވިއްކާ ޑޮލަރު ބެލެންސްކުރުމާ އެކު ޑޮލަރު ވިއްކުމުގައި ޒަރޫރީ ކަންކަމަށް އިސްކަންދީ ރާއްޖެއިން ބޭރުވާ ޑޮލަރު ވިއްކުން ޒިންމާދާރުކަމާ އެކު ބެލެހެއްޓުމަކީ ބެންކުގެ ވެސް ޒިންމާއެއް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ  2020 ވަނަ އަހަރުން ފެށިގެން ބޭންކުން ޑޮލަރު ވިއްކާފައި ވަނީ ޑޮލަރު ގަންނަން ލިބުނު އަދަދަށް ވުރެ މާބޮޑަށް އިތުރަށް ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ހަވާލާދެއްވައި ވިދާޅުވި ގޮތުގައި އިތުރަށް 333 ޑޮލަރު ވިއްކާފައިވާ އިރު، އެކަން ފޫބެއްދުނީ ޓީބޮންޑްގެ ގޮތުގައި ސަރުކާރުން އެ ނަގައި އެ އަދަދަށް ޑޮލަރު ވިއްކުމުން ކަމަށެވެ. އަދި އެ ބޭންކުން އެއްވެސް ކަމަކު ސަރުކާރަށް ޑޮލަރު ދީފައި ނުވާނެ ކަމަށް މިއަދު ވެސް ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ބޭންކަކަށްވުމުން ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ދައްކާ ވާހަކައިން ބީއެމްއެލްއަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ. އެހެންވެ، ބޭންކާ މެދު ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް ޝަރީފް  އެދިވަޑައިގަތެވެ. 

ޝަރީފް ވިދާޅުވީ ބީއެމްއެލް އަކީ އާންމުންނަށް އެންމެ ބޮޑަށް މަންފާ ކުރާނެ ގޮތަށް ބޭންކިންގެ ދާއިރާއިން ލުއިފަސޭހަތައް ފޯރުކޮށްދީ، އަދި ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭނެ ކަންތައްތަކަށް އިންވެސްޓު ކުރާ ބޭންކެއް ކަމަށެވެ. އެގޮތުން، އެ ބޭންކުން އެކި މަޝްރޫއުތަކަށް ކޮންޓްރެކްޓަރުންނަށް ފައިނޭންސް ކުރާ އިރު ބަލަނީ ގައުމު ބިނާކުރާ ކުންފުނިތަކަށް، ގައުމުގެ ތަރައްގީ އަށާއި ވިޔަފާރީގެ ކުރިއެރުމަށާއި ވަޒީފާގެ ފުރުސަތުތަކާއި ދިވެހިންގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެ އެކި ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ. 

ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފައިނޭންސިން ލިބޭ ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފައިނޭންސިން ލިބޭ ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭގެ އިތުރުން، އެ ބޭންކުން މެދުނުކެނޑި ބޭންކިން ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރަމުން ދަނީ ވެސް ގިނަ ފަރާތްތަކަކުން އެ ހިދުމަތްތައް ފަސޭހައިން އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމަށް އެދެމުން ދާތީ ކަމަށް ވިދާޅުވި އެވެ. އަދި ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމާއި ބޭންކުގެ ބްރާންޗުތައް ހުޅުވުމުން ކަސްޓަމަރުންނަށް ފަސޭހައިން ބޭންކިންގެ ހިދުމަތްތައް ލިބި، ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. 

ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަތް ރަށެއްގައި ބީއެމްއެލްގެ ބްރާންޗު ހުޅުވި އެވެ. އަދި ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށް، ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޑިޖިޓަލް ވޮލެޓް 'ސުވައިޕް'އަށް ބޭރުން ފައިސާ ގެނެވޭނެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.