ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މާރުނުކޮށް، އެ ފައިސާ ނެގި ބާވަތުން މުވައްޒަފުންނަށް ދޭން ލާޒިމުކޮށް ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ބިލަށް ކުރިން ފާޑުވިދާޅުވި ނަމަވެސް އެ ބިލް ބަލައިގަނެ، ބަދަލުތައް ގެނެސްގެން ފާސްކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެންނަން މައުރޫފު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ގިނަ މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންަސީގެ ޕީޖީ ލީޑަރު ފަލާހު އެ ބިލަށް ދެ ފަހަރު ވާހަކަ ދެއްކެވިއިރު އޭނާ ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ނަމަވެސް ދެވަނަ ފަހަރަށް ދެއްކެވި ވާހަކަ ނިންމަވައިލައްވަމުން ފަލާހު ވިދާޅުވީ އެ ބިލު މަޖިލީހަށް ބަލައިގަނެ، އިސްލާހު ކޮށްގެން ފާސްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި އިސްލާހު މިއަދު އެހެން ނަމަވެސް ބަލައިގަންނާނަން މަޖިލީހަށް އިނގޭތޯ. އެއީ ރިސޯޓްތަކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުގައި، އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތް. [މަޖިލިހަށް] ބަލައިގަނެފައި ކޮމިޓީ މަރުހަލާއަށް ފޮނުވާފައި ކޮމިޓީ މަރުހަލާގައި ރިސޯޓްތަކުގެ އޯނަރުންނާއި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހުރިހާ ބޭފުޅުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި، ގެންނަންޖެހޭ އިސްލާހެއް އޮވެއްޖިއްޔާ ގެނެސްފައި، ރިސޯޓް އޯނަރުންނަށް ވެސް މުވައްޒަފުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް މި އިސްލާހު ފާސްކުރާނެ ވާހަކަ ދަންނަވަން" ފަލާހު ވިދާޅުވި އެވެ.
އެ ބިލްގެ ބަހުސްގެ ފުރަތަމަ ފުރުސަތުގައި ފަލާހު ވިދާޅުވީ ޓޫރިސްޓުން ފައިސާ ދައްކާ ކަރަންސީއަކުން ރިސޯޓް މުވައްޒަފުންނަށް ފައިސާ ދޭން އެ ބިލުގައި ބުނާ އިރު، ބޮޑުކަންނެއްޔަކީ ވެސް އެކްސްޕޯޓް ކުރުމުން އެ އަށް ޑޮލަރުން އަގު ލިބޭ އެއްޗެއް ކަމަށާއި އެހެންވީމާ މަސްވެރިންނަށް ވެސް އެ ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ.
އެކި ދާއިރާތަކާ ގުޅޭ އިސްލާހުތައް ސިޔާސީ މަންފާ ހޯދަން ހުށަހެޅިދާނެ ކަމަށާއި ނަަމަވެސް ޓޫރިޒަމް ދާއިރާއަށް އިސްލާހު ހުށަހަޅާ އިރު މުވައްޒަފުންގެ އިތުރުން ރިސޯޓުތަކުގެ ވެރިންނާއި ދައުލަތަށް ވެސް ރަނގަޅު ގޮތަކަށް އެކަން ވާން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ދުނިޔޭގެ އިގުތިސާދަށް އަންނަ ކޮންމެ ބަދަލެއް، ޓޫރިޒަމް ދާއިރާގައި މަސަައްކަތްކުރާ ފަރާތްތަކަށް ވެސް، ވެރިންނަށް ވެސް މުަވައްޒަފުންނަށް ވެސް، ހުރިހާ ފަރާތްތަކަށް، މުޅި ރާއްޖޭގެ އިގުތިސާދަށް ކުރާ ދާއިރާއެއް، ޓޫރިޒަމް ދާއިރާއަކީ. މިހާރު ވެސް ދުނިޔޭގައި މިދަނީ ވަރުގަދަ ހަނގުރާމަތަކެއް ކުރަމުން،" ފަލާހު ވިދާޅުވި އެވެ.
ރިސޯޓް އޯނަރުންނަކީ ވަރަށް ބޮޑެތި ލޯނުތައް ނަގައިގެން އިންވެސްޓްކޮށްފައިވާ މީހުން ކަމަށާއި އެ މީހުން ނަގަނީ ވަރަށް ބޮޑު ރިސްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވީމާ ރިސޯޓުތަކުވެ ވެރިންނާއި އިންވެސްޓަރުން ވެސް ހިމާޔަތްކުރަން ޖެހޭނެ ކަމަށާއި އެންމެންނަށް ވެސް ރަނގަޅު ގޮތް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުގެ ދާއިރާއަކީ ބޯޓް ބިލްޑިންގެ ދާއިރާ. އަޅުަގަނޑަށް މިތަނަށް ގާނޫނަކަށް އިސްލާހެއް ހުށަހެޅިދާނެ، ރާއްޖޭގައި ބޯޓްބިލްޑިން ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ޖެހޭނޭ މުސާރަ އަށް މަހަކު 50،000 ރުފިޔާ ލިބެން،" ފަލާހު ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެންނަން މެންބަރު މައުރޫފު ހުށަހެޅުއްވި ބިލުގައި އޮތީ މައިގަނޑު ދެ ކަމެކެވެ.
އެއް ކަމަކީ ސާވިސްޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭން ވާނީ އެ ފައިސާ ނެގި ކަރަންސީން ކަމަށް ހެދުމެވެ. އަނެއް ކަމަކީ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސްޗާޖް ދޭން ޖެހޭ ގޮތް ހެދުމެވެ.