މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ވިޔަފާރިތަކަށް ދިމާވެފައިވާ އުނދަގޫތައް ހައްލު ކުރުމަށް މިދިޔަ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް 163 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުން ހިމެނޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވިޔަފާރިތަކަށް އުނދަގޫތައް ކުރިމަތިވަމުންދާއިރު، އެ އުނދަގޫތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބޭންކް އޮފް މޯލްޑިވްސް އާއި އެހެން ބޭންކުތަކާ ގުޅިގެން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ލުއިދިނުމުގައި މި ބަލަނީ ބޭންކް އޮފް މޯލްޑިވްސް އާއި މަޝްވަރާ ކޮށްގެން އަދި އެހެން ބޭންކުތަކާ ވެސް މަޝްވަރާކޮށްގެން ވިޔަފާރިތަކަށް މިވަގުތުން ވަގުތަށް ހުރި އުނދަގޫތައް ހައްލުކުރުމަށްޓަކައި އެޑިޝަނަލް ވޯކިން ކެޕިޓަލް އާއި އެހެން ހުރި ފައިނޭންސިން ނީޑްސްތަކަށް ފައިސާ ދޫކުރުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭންކުތަކަށް އެ ފައިސާ ދޫކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމްގެ ވިޔަފާރިތަކަށް 540 މިލިއަން ރުފިޔާ އަދި ކޮންސްޓްރަކްޝަން ދާއިރާ އަށް 940 މިލިއަން ރުފިޔާގެ ލޯނު ވެސް ދޫކޮށްފައިވާ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައަާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ބަލައި ފިޔަވަޅު އެޅުމާ މެދު ގޮތް ނިންމާ މިނިސްޓަރުންގެ ކޮމިޓީން މިއަދު ނޫސްވެރިންނާ ބައްދަލުކުރަނީ.
މެދުއިރުމަތީގެ ހަނގުރާމައަާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ބަލައި ފިޔަވަޅު އެޅުމާ މެދު ގޮތް ނިންމާ މިނިސްޓަރުންގެ ކޮމިޓީން މިއަދު ނޫސްވެރިންނާ ބައްދަލުކުރަނީ.

ޒަމީރު ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ހާލަތުގައި ވިޔަފާރިތަކަށް ވީ އެންމެ ބޮޑަކަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެ އެވެ. އެގޮތުން ބޭރުގެ މުއާމަލާތްތައް ހިންގުމުގައި ޑޮލަރު ފަސޭހައިން ލިބޭނެ ގޮތްތައް ވެސް ހޯދައިދެމުން އަންނަ ކަމަށް ވިދާޅުވި އެވެ

އޭނާ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުތަކަށް ދޫކުރި ވަރު މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު އެތައް ގުނައެއް އިތުރު ކަމަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެވްރެޖުކޮށް 5.6 މިލިއަން ޑޮލަރު ވިއްކި އިރު މި އަހަރު 106 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިދިޔަ އަހަރު ކާޑު ސެޓުލްމެންޓަށް 26 މިލިއަން ދޫކުރި އިރު މި އަހަރު އެ ކަމަށް 40 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އިކޮނޮމީ ހުއްޓުނަ ނުދީ އިކޮނޮމީ އަށް ސަރުކާރުގެ ފަރާތުން އިންޓަވީން ކޮންގެން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެންގެ ނެޝަނަލް ބޭންކް މެދުވެރިކޮށް މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.