ވިލާ ކޮލެޖުން އަންނަ މޭ މަހުގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އަންނަ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެ ކޮލެޖުގެ އިންޓޭކްގައި ފައުންޑޭޝަން ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކާ ހަމައަށް 100 އަށް ވުރެ ގިނަ ކޯސްތަކަށް ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ އިންޓޭކުގައި ބައިވެރިވުމަށް ވިލާ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އަންނަ އޭޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.
ވަޒީފާގެ ބާޒާރަށް ބޭނުންތެރި ގިނަ ކޯސްތަކަކަށް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސް ހިމެނެ އެވެ.
ވިލާ ކޮލެޖުގައި ކިޔަވައިދޭ ކޯސްތަކުގެ ތެރޭގައި ރިސާޗާއި ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތާއި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިނާއި ހެލްތު ސާވިސަސް މެނޭޖްމަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސްގެ ކޯސްތައް ހިމެނެ އެވެ.
އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސި ވިލާތުގެ ޕޯޓްސްމޯތު ޔުނިވާސިޓީން ވެލިޑޭޓުކޮށް ހިންގާ ކޯސްތަކެކެވެ. އަދި އެ ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯޓްސްމޯތު ޔުނިވާސިޓީ އަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގައި ޑިގްރީގެ ފަހު އަހަރު ބައިވެރިވެވޭނެ އެވެ.
ވިލާ ކޮލެޖުގެ ކިޔެވުން ފަރުމާކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރު ވެފައިވާ ބަޔަކަށް ހެދުމަށެވެ.
އެ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތަކާއި އިންޓާންޝިޕާއި އެކްސްޓާންޝިޕް އަދި އިންޑަސްޓްރީއާ ގުޅިގެން ހިންގާ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އަދި އެ ނިޒާމުގެ ސަބަބުން ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ އަދި ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖަކީ ދަރިވަރުންނަށް ބޭނުންވާ އިތުރު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކޮލެޖެކެވެ. އެގޮތުން އެ ކޮލެޖުން ދަރިވަރުންނަށް އެކަޑަމިކް ރައިޓިން އާއި ރެފަރެންސިން އާއި އިނގިރޭސިބަހުގެ ޓިއުޓޯރިއަލް އާއި ސްޓަޑީ ސްކިލްސް ވޯކްޝޮޕްތަކާއި ޑިސަޓޭޝަން ސަޕޯޓާއި ޕިއާ-އެސިސްޓެޑް ލާނިން އަދި ވީ-ކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި އެއީ އޮންލައިންކޮށް އަދި ފޭސްޓުފޭސްކޮށް ވެސް އެ ކޮލެޖުން ފޯރުކޮށްދޭ ހިދުމަތްތަކެކެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަކީ ވަޒީފާތަކުގައި އުޅެމުން ވެސް ކިޔެވޭނެ ގޮތަށް ފްލެކްސިބިލިޓީއާއެކު ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުގައި އިންޖިނިއަރިން އާއި ޓީޗިން އާއި ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ކޯހެއް އޮންލައިންކޮށް ކިޔެވޭނެ އެވެ.
ވިލާ ކޮލެޖަކީ ދުނިޔޭގެ އެންމެ އިތުބާރު ހުރި އެއް ރޭންކިން ކަމަށްވާ ޓައިމްސް ހަޔާ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސްގައި ރޭންކުވެފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތައުލީމު ދޭ މަރުކަޒެވެ.
އެ ރޭންކިންގައި ވިލާ ކޮލެޖް ހިމެނިފައިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 ޕަސެންޓް ޔުނިވާސިޓީތަކުގެ ތެރޭގަ އެވެ. އަދި ވިލާ ކޮލެޖަކީ ކިއުއެސް ރޭޓިންގައި އެކްސެލެންސަށް ރޭޓް ކޮށްފައިވާ ރާއްޖޭގައި ހަމައެކަނި އިންސްޓިޓިއުޓެވެ. އެގޮތުން އެ ކޮލެޖުން ވަނީ ކިއުއެސް ސްޓާ ރޭޓިންގައި ތިން ދާއިރާއަކުން ފަސްތަރީގެ ދަރަޖައިގައި ރޭޓް ކޮށްފަ އެވެ.
ވިލާ ކޮލެޖުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ ކޮލެޖުން ފޯރުކޮށްދޭ ތައުލީމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، ފެންވަރު ރަނގަޅު ތައުލީމަކަށް ހެދުމަށް ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެގޮތުން، އެކޮލެޖުގެ އިންޖިނިއަރިން ދާއިރާގެ ޕްރޮގްރާމްތަކަކީ އިނގިރޭސި ވިލާތުގެ 'އިންސްޓިޓިއުޝަން އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ' (IET) ގެ އެކްރެޑިޓޭޝަން ލިބިފައިވާ ޕްރޮގްރާމްތަކަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މިހާރު ކުރަމުން އަންނަ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އޭގެ އިތުރުން ވިލާ ކޮލެޖުގެ ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަށް ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމް (SAQS) ގެ އެކްރެޑިޓޭޝަން ހޯދުމުގެ މަސައްކަތް ނިމި، އެ އެކްރެޑިޓޭޝަން ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
އެއީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގައި ވިލާ ކޮލެޖުން ހޯދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން އެ ކޮލެޖުން ފާހަގަކުރި އެވެ.
ވިލާ ކޮލެޖުން ބައިނަލްއަގުވާމީ އެކްރެޑިޓޭޝަންތައް ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، މިހާރު ވެސް އެ ކޮލެޖަށް ވަނީ ފާހަގަކޮށްލެވޭ އެކި ބައިނަލްއަގުވާމީ ކާމިޔާބީތައް ލިބިފަ އެވެ.
ވިލާ ކޮލެޖުގެ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެނީ:
- ކިއުއެސް (QS) ސްޓާރ ރޭޓިން: ދުނިޔޭގެ އެންމެ މަޝްހޫރު މަތީ ތައުލީމުގެ އެއް ރޭންކިން ކަމަށްވާ ކިއުއެސް ސްޓާ ރޭޓިންގައި "އެމްޕްލޯޔަބިލިޓީ"، "އޮންލައިން ލާނިން" އަދި "އެންވަޔަރަމަންޓަލް އިމްޕެކްޓް" އިން އެންމެ މަތީ ދަރަޖަ ކަމަށްވާ ފަސްތަރި ވިލާ ކޮލެޖަށް އެ ދާއިރާތަކުން ވަނީ ލިބިފައި.
- ޓައިމްސް ހަޔާ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025: ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ޔުނިވާސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ އެ ރޭންކިންގައި ހިމެނޭ ހަމައެކަނި ދިވެހި ތައުލީމީ މަރުކަޒަކީ ވިލާ ކޮލެޖް. އެ ރޭންކިންގައި ދުނިޔޭގެ މަތީ 20 ޕަސެންޓް ޔުނިވާސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނޭ.
- ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ އެ ރޭންކިންގައި ހިމެނިފައި. އަދި އޭޝިއާ-ޕެސިފިކް ސަރަހައްދުން "ކްލާސް އެކްސްޕީރިއަންސް" އިން އެއް ވަނަ މަގާމު އެ ކޮލެޖަށް ވަނީ ލިބިފައި.
ވިލާ ކޮލެޖުން ހިންގަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އާއި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އެލައިޑް ހެލްތު ކައުންސިލް ފަދަ މުހިއްމު އިދާރާތަކުން ބަލައިގަނެ، އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.
އެ ކޮލެޖުގެ ޕްރޮގްރާމްތަކާ ގުޅުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން ކެރިއާ ގައިޑެންސް ބޭނުންވާ ދަރިވަރުންނަށް ވިލާ ކޮލެޖާ ގުޅައިގެން އަދި ކެމްޕަހަށް ޒިޔާރަތް ކޮށްގެން ކެރިއާ ގައިޑެންސްގެ ހިދުމަތް ލިބޭނެ އެވެ. އަދި އެ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.