އުމްރާ ގްރޫޕްތައް މެދުވެރިކޮށް މި ރޯދަމަހު އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ޑޮލަރު ގަތުމަށް ބީއެމްއެލް އިން ދިން މުއްދަތު އިތުރުކޮށްފި އެވެ.

އެ ހާއްސަ އިންތިޒާމުގެ ދަށުން މިދިޔަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ޑޮލަރު ދޫކުރަމުން އަންނަނީ އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. 

އެ ސެންޓަރުން ޑޮލަރު ދޫކުރުމުގެ މުއްދަތު އޭރު ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކަމަށް ވިޔަސް ބީއެމްއެލް އިން މިއަދު ބުނީ ފަސޭހަ އިންތިޒާމުގެ ތެރެއިން ޑޮލަރު ދޫކުރުން އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. 

ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިން އެ ހިދުމަތް ދޭނީ އެ ސެންޓަރުން ނަމްބަރު ދޫކޮށްގެންނެވެ.

ޑޮލަރު ވިއްކާނީ ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަންޏެވެ. އުމްރާގެ އަޅުކަމަށް ދާ ކޮންމެ މީހަކަށް ވެސް ވިއްކަން ހަމަޖެހިފައިވަނީ 500 ޑޮލަރެވެ.

އުމްރާ ގުރޫޕުތައް މެދުވެރިކޮށް އުމްރާ އަށް ދާ މީހުންނަށް ބީއެމްއެލުން ޑޮލަރު ގަތުމަށް:

  • ފައިސާ ދައްކަން ޖެހޭނީ ޑެބިޓް ކާޑުން
  • ޑޮލަރު ގަންނަން ދާއިރު ކޮންމެ މީހެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަން ޖެހޭނެ
  • އުމްރާ އަށް ދާ މީހެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަން ދާ ނަމަ އެ މީހެއްގެ އައިޑީ ކާޑުގެ އަސްލު ހުށައަޅަން ޖެހޭނެ

އުމްރާ އަށް ދާ މީހުންނަށް ޑޮލަރު ވިއްކާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗާއި މެއިން ބްރާންޗާއި ހުޅުމާލެ ބްރާންޗު އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑައިލާނެ ކަމަށް ވެސް ބެންކުން ބުންޏެވެ.

އެ ބޭންކުން ބުނީ އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަ ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނޭ ކަމަށެވެ.