ކުޑަކުދިން ކުޅޭ އެއްޗިއްސަށް ހާއްސަ "ކޮކީ"ގެ އާ ފިހާރައެއް މާދަމާ ހުޅުވަން ހަމަޖެހިފައިވާ ކަަން އިއުލާނުކޮށްފި އެވެ. 

ފަރީދީމަގުގައި ހުންނަ ފެންޓަސީ ސްޓޯރުގެ ބިތްދޮށް މަގުގައި ހުޅުވާ މި ފިހާރަ އަކީ "ކޮކީ"ގެ ފަސް ވަނަ ފިހާރަ އެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވުން ފާހަގަކުރުމުގެ ގޮތުން މި ހަފްތާ ބަންދުގައި ހާއްސަ ހަރަކާތްތަކެއް އެ ފިހާރައިގައި ވަނީ ރާވައިފަ އެވެ.

ކޮކީ ފިހާރައިގައި ވިއްކާ ސޮފްޓް ޓޯއިސްތަކެއް.
ކޮކީ ފިހާރައިގައި ވިއްކާ ސޮފްޓް ޓޯއިސްތަކެއް.

މީގެ ތެރޭގައި، މާދަމާއިން ފެށިގެން އެ ފިހާރައަށް އަންނަ ފުރަތަމަ 1،000 ކަސްޓަމަރުންނަށް ހިލޭ އައިސްކްރީމް ދިނުން ހިމެނެ އެވެ. އަދި އެ ފިހާރާގައި ކުރިއަށްގެންދާ "ގެސް ދަ ގިފްޓް" ޗެލެންޖުގައި ބައިވެރިވެ، ބަންދުކޮށްފައި އޮތް ހަދިޔާ ގެސްކޮށްގެން 15 ޕަސެންޓު، 20 ޕަސެންޓު ނުވަތަ 30 ޕަސެންޓުގެ ޑިސްކައުންޓު ވައުޗަރެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ އިތުރުން މި ހަފްތާބަންދުގައި އެ ފިހާރައިން މި ހަފްތާ ބަންދުގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ކޮކީގައި ވިއްކާ ބައިސްކަލްތަކުގެ ތެރެއިން އެ މީހަކު ބޭނުން ވައްތަރެއްގެ ބައިސްކަލެއް ލިބޭނެ އެވެ. ބައިސްކަލުގެ ގުރުއަތު ނެގުން އޮންނާނީ އާދިއްތަ ދުވަހު އެވެ. 

"ކޮކީ"ގެ އާ ފިހާރަ ހުޅުވުމާ ގުޅުވައިގެން މި ހަފްތާ ބަންދުގައި 10 ޕަސެންޓުގެ ޑިސްކައުންޓު ވެސް ލިބޭނެ އެވެ. 

ކޮކީގައި ވިއްކާ ބައެއް ކުޅޭ އެއްޗެހި.
ކޮކީގައި ވިއްކާ ބައެއް ކުޅޭ އެއްޗެހި.

ކޮކީ އަކީ އެންމެ ތުއްތު އުމުރުފުރާއިން ފެށިގެން އެކި އުމުރުތަކާ ގުޅޭ ތަފާތު އެކި ވައްތަރުގެ ކުޅޭ އެއްޗެހި ވިއްކާ ފިހާރައެކެވެ. އެތަނުގައި ކުޑަކުދިންގެ މެދުގައި މަގުބޫލު އެކި ކެރެކްޓާތަކާއި ކާޓޫންތަކުގެ ކުޅޭ އެއްޗިހި ވެސް ހުރެ އެވެ. 

މާދަމާ "ކޮކީ"ގެ 5 ވަނަ ފިހާރަ ހުޅުވާނީ މެންދުރު 2 ޖަހާއިރު އެވެ. ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 11 އަށް "ކޮކީ"ގެ ފިހާރަތައް ހުޅުވާފައި ހުންނާނެ އެވެ.