ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި އިބްރާހިމް ނޫރައްދީން އެ މަގާމުން ވަކިކޮށްފި އެވެ.
ކުންފުނީގެ ބޯޑަށް އެބަދަލު ގެނެސްފައިވާކަން ޕީސީބީން އެމްއޭސީއެލްއަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ވަކިކުރެއްވުމުން މިވަގުތު ބޯޑުގައި ތިއްްބެވީ ފަސް ބޭފުޅުންނެވެ.
ބޯޑުގައި މިވަގުތު ހިމެނޭ ބޭފުޅުން:
1. އިބްރާހިމް ޝަރީފު މުހައްމަދު (ކުންފުނީގެ ސީއީއޯ)
2. އިބްރާހިމް ސިޔާދު ގާސިމް
3. އިބްރާހިމް މަހުދީ
4. ސަހަރު ވަހީދު
5. މުހައްމަދު ރިޔާޒް
އިބްރާހިމް ނޫރައްދީން އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރީ މާޗް 2019 ގަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްއޭސީއެލްގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. އެކަމަކު ޖޫން 28، 2010 ގައި އިބްރާހިމް ނޫރައްދީން އެ މަގާމުން ވަކިކުރެއްވީ އެއާޕޯޓު ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އެއްބަސްވުން އިވެލުއޭޓު ކުރުމުގައި ހިނގައިދިޔަ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ ފެބްރުއަރީ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ފީސީބީން އޭރު ބުނި ގޮތުގައި އެމްޔޫ މަނިކު މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ އެވެ.