ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުލުވާލައިފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ކޮމިއުނިޓީ ފަންޑަށް މާލެ އާއި ރަށްރަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންޖީއޯތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނީ ތިމާވެއްޓާއި ތައުލީމާއި ކުޅިވަރާއި މުޖުތަމައު ތަރައްގީކުރުމުގެ ދާއިރާތަކުން ޖަމިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ. މި ފިޔަވަހީގައި 10 ޕްރޮޕޯޒަލަކަށް އެހީ ދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ޖަމިއްޔާތަކަށް، ޕްރޮޖެކްޓުތައް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ [email protected] އީމެއިލް އެޑްރެހަށެވެ.

ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.