ދުނިޔެ އާއި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަންވީ އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހިޔާލުތަކުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ވިލާ ކޮލެޖުގައި އޮތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަންސް (އައިސީއެސްއާރުއައި) ކޮންފަރެންސް ނިންމާލުމުގެ ގޮތުން ދެއްވި ކީ ނޯޓު ސްޕީޗުގައި ފައިސަލް ވިދާޅުވީ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވެސް ގެންގުޅެނީ ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ އުސޫލުތަކެއް ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން "ވޭސްޓު ޓު އެނާޖީ" ޕްރޮޖެކްޓެއް ލޯންޗުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ކުނި މެނޭޖުކުރުމަށް ލޯންޗުކުރި ޕްރޮޖެކްޓުން ކުނިން ކަރަންޓު އުފައްދައި، ފިއުލްގެ ހަރަދު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއް ކުނި މެނޭޖުކުރުމުގައި ހޯދޭނެ. އަދި ކުނި މެނޭޖުކުރުމަށް އިތުރު ފެސިލިޓީތަކެއް ގާއިމުކޮށް، އެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން." ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ހަމަހަމަކަން ގާއިމުކުރުމަށް ޖެންޑާ އީކުއާލިޓީގެ އެކްޝަން ޕްލޭނެއް އެކުލަވާލުމާއި ހިލޭ ޑިގްރީއަށް ފުރުސަތު ހުޅުވާލައި، ފަސޭހައިން ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި އައިސީއެސްއާރުއައި ފަދަ ކޮންފަރެންސްތަކުން އިނޮވޭޓިވް ތަފާތު ހިޔާލުތަކެއް ބޭނުންވާ ކަމަށެވެ.
ވިލާ ކޮލެޖުން އިޖުތިމާއީ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސްޕީކަރުން ބައިވެރިވި އެވެ. އެ ކޮންފަރެންސްގައި ތިމާވެށީގެ މައްސަލަތަކާއި ތައުލީމާއި އަދި ސިއްހީ ދާއިރާއިން ހުރި މައްސަލަތަކަށް ރިސާޗު ޕޭޕަރު ހުށަހަޅައި އެ ދާއިރާތަކުގެ މައުޟޫތަކަށް ވަނީ މަޝްވަރާކޮށްފަ އެވެ.
މިއީ ވިލާ ކޮލެޖުން ބާއްވާ އައިސީއެސްއާރުއައި ކޮންފަރެންސްގެ ހަތް ވަނަ އެޑިޝަނެވެ. މިއީ އެ ކޮލެޖު އިލްމީ ދިރާސާތައް ކުރާ މަރުކަޒަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ޖާނަލްގައި ކޮންފަރަންސަށް ހުށަހަޅާ ފުލް ރިސާޗު ޕޭޕަރުތައް ޝާއިއުކުރާނެ އެވެ.