ކުރިއަށް އޮތް މަހެއްގެ ތެރޭގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމަންޓް ފޯރުކޮށްދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ވިދާޅުވީ، ބޭރުގެ ގައުމުތަކުގެ ޕޯޓުތަކުން ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓެއް އުފެއްދުމުގެ މަސައްކަތް އިމިގްރޭޝަނާ އެކު ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރާ މަސައްކަތުން މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަދު ވިދާޅުވީ، މި ވަގުތު ރާއްޖޭގެ ސީމަނުންނަށް ނުވަދެވެނީ ހަމައެކަނި ބްރެޒިލްގެ ޕޯޓުތަކަށް ކަމަށެވެ.

ރާއްޖޭގެ 80 އަށް ވުރެ ސީމަނުންގެ އޭޖެންޓް އޭޝިޔާ މެނޭޖްމެންޓުން ބުނީ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ކޮންވެންޝަން ތަސްދީގު ކުރަން ފެށުމުން، ކުރިއަށް އޮތްތަނުގައި ދިވެހި ސީމަނުންނަށް އެހެން ސަރަހައްދުތަކުގެ ޕޯޓުތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭ، މިންގަނޑުތަކަށް ފެތޭ ސީމަނުންގެ އައިޑެންޓިޓީ ޑޮކިއުމެންޓެއް ނެތުމުން އޭޝީއާ މެނޭޖްމެންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.