މަޝްހޫރު ސްޕޯޓްސް ވެއާ ބްރޭންޑް "ޕޫމާ" އަށް ހާއްސަ ފިހާރައެއް ސޮނީ ސްޕޯޓްސުން މިރޭ ހުޅުވައިފި އެވެ.
ސޮނީ އިން ބުނީ ރާއްޖޭގައި ޕޫމާގެ ފިހާރައެއް ހުޅުވީ، ރާއްޖޭގެ އެތުލީޓުންގެ މެދުގައި އެ ބްރޭންޑް ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި މި ބްރޭންޑުގެ ފިހާރައިން އަންހެން އަދި ފިރިހެން އެކި ވައްތަރުގެ ސްޕޯޓްސް ވެއާ ލިބެން ހުންނާނެ އެވެ.
ސޮނީ ސްޕޯޓްސްގެ ޕޫމާ ފިހާރަ ހުޅުވަން ވަޑައިގެންނެވި ޕޫމާ އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓާ ސޭލްސް އެންޑް އޮޕަރޭޝަންސް، އަތުލް ބަޖާޖު ވިދާޅުވީ ކުޅިވަރުގެ ދާއިރާ އާއި ޓޫރިޒަމް ދާއިރާ އިން ރާއްޖެ ކުރިއަރަމުން ދާއިރު، އަމާޒަކީ އިތުރު ބްރޭންޑަކަށް ވާދަނުކުރެވޭ ވަރަށް ރާއްޖޭގައި ޕޫމާގެ ޕްރޮޑަކްޓްތައް މާކެޓުކުރުން ކަމަށެވެ. އަދި އެ ބްރޭންޑުގެ ޕްރޮޑަކްޓުތައް މެދުވެރިކޮށް ފިޓްނަސް ލައިފްސްޓައިލްއަކަށް ބާރު އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އުއްމީދަކީ ރާއްޖޭގެ އެންމެ ވަރުގަދަ ލައިފްސްޓައިލް ބްރޭންޑްތަކުގެ ވިޔަފާރިކުރާ ސޮނީ ސްޕޯޓްސްއާ އެކު ކުރިއަށް ގޮސް ރާއްޖޭގެ ކުޅިވަރު ޖައްމިއްޔާތަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖީދީ މަގުގައި ދެ ބުރިއަށް ހަދާފައި ހުރި މި ފިހާރައިގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައި ވަނީ ފިރިހެނުން ބޭނުންކުރާ އެއްޗިއްސަށެވެ. މަތީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ ޕޫމާ ފިހާރާ އިން ޝޮޕިންގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށެވެ. ޕޫމާގެ އެންމެ ފަހުގެ ސްޕޯޓްސް ޝޫޒާއި އެކި ކަހަލަ ސާމާނު ވެސް އެ ފިހާރައިން ލިބޭނެ ކަމަށް ސޮނީން ބުންޏެވެ.
ޕޫމާ އަކީ 2021 ވަނަ އަހަރުގެ އިންޑިއާގެ ކުޅިވަރާއި ލައިފްސްޓައިލުގެ އެންމެ މަތީ ޖާގަ ކަށަވަރުކޮށް، 2،044 ކްރޯޑުގެ އާމްދަނީއެއް ހޯދާފައިވާ ކުންފުންޏެކެވެ. މިއީ ކުޅިވަރު ބްރޭންޑްތަކުގެ ތެރެއިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.