"ކަރާގެ އަގު ކިހިނެއް؟ ކޮޕީ ފަތުގެ އަގު އުޅެނީ ކިހިނެއް؟ ކުރުނބާ އެބަހުރިތަ؟" މިއީ މި ދުވަސްވަރު މާރުކޭޓަށް ވަނުމުން އެންމެ ގިނައިން އިވޭނެ އަޑެވެ.
ރޯދަ މަހު މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދަކީ ލޯކަލް މާރުކޭޓެވެ. ހެނދުނުން ފެށިގެން ހަވީރަށް އެތައް ބަޔަކު ލޯކަލް މާރުކޭޓަށް ގޮސް މޭވާ އާއި ތަރުކާރީ އާއި އެނޫން ވެސް ކެއުންތައް ތައްޔާރު ކުރަން ބޭނުންވާ ސާމާނު ގަނެވެ. އެހެން ރޯދަ މަސްތަކޭ އެއްގޮތަށް މިއަދުގެ މާރުކޭޓުން ސަރަހައްދުން ފެނުނީ ހަމަ އެ މަންޒަރެވެ.
ލޯކަލް މާރުކޭޓުގައި ގިނަ އަދަދެއްގެ ބާވަތްތައް މިއަދު ވެސް ލިބެން ހުއްޓެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިއާ އަޅާބަލާ އިރު، ގިނަ ގޮޅިތަކުގައި މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތައް ވަރަށް ގިނައިން އެބަހުއްޓެވެ. މާރުކޭޓަކީ ދިވެހިން އުފައްދާ ބާވަތްތަކަށް ހާއްސަކޮށްފައިވާ ތަނެއް ނަމަވެސް މިހާރު ލޯކަލް މާރުކޭޓުން އިމްޕޯޓު މުދާ ވެސް ލިބެ އެވެ.
ރޯދަ އަށް އެންމެ ޑިމާންޑް ބޮޑު ކަރާ ކިލޯއެއް ލިބެން ހުރީ 20ރ. އަށެވެ. މީގެ ހަފްތާއެއް ކުރިން ކަރާ ކިލޯއެއް އުޅުނީ 15ރ. އާއި 18ރ. އާ ދެމެދުގެ އަގެއްގަ އެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ، ވޭތުވެދިޔަ ދެ ދުވަހު ވެސް އެންމެ ގިނަ ބަޔަކު ގަންނަނީ ވެސް ކަރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކަރާގެ ޑިމާންޑު އިތުރު ވާނެ ކަމަށް އޭނާ ބުންޏެވެ.
"މި ދުވަސްކޮޅު ސަޕްލައި ވެސް ރަނގަޅު. މިގޮތަށް ކަރާ ލިބެންޏާ 20ރ. ގައި އަގު ހިފަހައްޓާލެވޭނެ،" " އޭނާ ބުންޏެވެ.
"އެކަމަކު ހީވޭ ރޯދަ މަހު މެދަކާ ހަމައަށްދާ އިރު 25ރ. ކަރާގެ އަގު އަރާނެ ހެން."
ރޯދަ މަހު ކަރާގެ އިތުރުން އެންމެ ބޮޑު ޑިމާންޑެއް އިތުރުވާ އެއްކައްޗަކީ ކުރުނބަ އެވެ. ކުރުނބާ ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގަކަށެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިޔަކު ބުނީ ރޯދަ މަހު ޖުމްލަކޮށް ހުރިހާ އެއްޗެއް ވެސް ގަންނަ ވަރު އިތުރާ ކަމަށެވެ.
"އާންމުކޮށް އާމްދަނީ ދެގުނަ ވާނެ. ދެން ރޯދަ މަސް ނިމުނީމަ އެނގޭނީ. އުންމީދު ކުރަނީ މިއަހަރު ރަނގަޅުވާނެ ކަމަށް،" އޭނާ ބުންޏެވެ.
މިއަހަރުގެ ރޯދައަކީ ކޮވިޑްގެ ހާލަތަށް ފަހު ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިންނަށް ވެސް ވިޔަފާރި ހަމައަށް އަޅުވާލަން ލިބުނު ފުރުސަތެކެވެ. އެހެންވެ ގިނަ ވިޔަފާރިވެރިން މިއަހަރުގެ ރޯދަ މަހަށް ކުރާ އުންމީދުތައް ބޮޑެވެ.
މާރުކޭޓުގައި ދެން އެންމެ ބޮޑު ޑިމާންޑެއް އޮންނަ ކޮފީ ފަތުގެ ތިން ފަތް ބޮޑިއެއް ލިބެނީ 10ރ. އަށެވެ. ލުބޯ ކިލޯއެއް އުޅެނީ 80ރ. އަށެވެ. ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 290ރ. އަށެވެ. މީގެ އިތުރުން ދޮންކެޔޮ ކިލޯއެއް 30ރ. އަށް ލިބޭ އިރު ކިއުކަމްބާ ކިލޯއެއް އުޅެނީ 25ރ. އަށެވެ.
ރޯދަ މަހު މަސް މާރުކޭޓުގައި މަހުގެ އަގުތައް އުފުލުން ފިޔަވައި، އަގުތަކަށް އައި މާ ބޮޑު ބަދަލެއް އަދި ނެތެވެ.