ހުޅުމާލޭގައި ދިރިއުޅޭ ވިލާ ހައި ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށް، ބަހުގެ ހިދުމަތް ފަށަން އެ ސްކޫލުން ނިންމައިފި އެވެ.
އެ ހިދުމަތް ދިނުމަށް ހަވާލުކުރީ މިހާރު ވެސް ބަހުގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ އަމޫ ޕްލަސް ކޮންސްޓްރަކްޝަންއާ އެވެ.
އެ އެއްބަސްވުމުގައި ވިލާ ހައި ސްކޫލުގެ ފަރާތުން އިއްޔެ ސޮއި ކުރެއްވީ ޕްރިންސިޕަލް ސައީދު އަހުމަދެވެ. އަމޫ ޕްލަސް ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ މުހައްމަދު އަފްރާހް އެވެ.
ސައީދު ވިދާޅުވީ ވިލާ ހައި ސްކޫލުގައި ކިޔަވާ ވަރަށް ގިނަ ދަރިވަރުން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ކަމަށާއި އެ ދަރިވަރުން ސްކޫލަށް އައުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
"ގާތްގަނޑަކަށް 150 ވަރަކަށް ދަރިވަރުން އެބަ އުޅޭ ހުޅުމާލެ އިން މާލެ އަންނަ. އޭގެ ތެރޭގައި އެބަ ހިމެނޭ ފޭސް ދޭއްގައި އުޅޭ ދަރިވަރުން ވެސް. އެ ދަރިވަރުން ގަޑި ޖެހުން ފަދަ ކަންކަން ހައްލު ކުރުމަށް ބަހުގެ ހިދުމަތް ފެށުމަށް މި ނިންމީ،" އޭނާ ވިދާޅުވި އެވެ.
ބަހުގެ ހިދުމަތް ފެށުމަށް އެންމެ ބޮޑު އިސްކަމެއް ދިނީ ދަރިވަރުންގެ ރައްކާތެރި ކަމަށް ކަމަށާއި ހިދުމަތް ފަށާއިރު އެ ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ބަހަށް ދަރިވަރު އަރާ ހިސާބުން ފެށިގެން ސްކޫލަށް ދަރިވަރު ވަންނަން ދެން ޓްރެކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެ. ބެލެނިވެރިޔާ އަށް ވެސް ސްކޫލަށް ވެސް އެނގޭނެ ދަރިވަރު ބަހަށް އެރުމުން، ބަހުން ފޭބުމުން ވެސް. ބަސް އޮތީ ކިހާ ހިސާބެއްގައި ކަން ވެސް ބަލައިލެވޭނެ،" ސައީދު ވިދާޅުވި އެވެ.
އެ ސްކޫލަށް ހާއްސަ ތިން ބަހާ އެކު، އެ ހިދުމަތް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ އެކެއްގަ އެވެ.
އެ ބަސްތަކަށް އެހެން ސްކޫލެއްގެ ކުއްޖަކަށް ވެސް އަދި އާންމު މީހަކަށް ވެސް ނޭރޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. ބަހުގެ ހިދުމަތް ހޯދާނެ ކުދިންގެ އަދަދާއި ދައްކަން ޖެހޭ ފީގެ އަދަދު އެނގޭނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލްތަކަށް އައިސް އެނބުރި ދިއުމަށް އިންތިޒާމު ހަމަޖައްސައިދޭން ސްކޫލް ބަސް ތައާރަފު ކުރަން ކުރީގެ ސަރުކާރުން ނިންމި އެވެ. އެކަމަކު، ބަސްތައް ނުލިބޭތީ އެ ހިދުމަތް އަދި އޮތީ ނުފެށިފަ އެވެ.