ނައިޖީރިއާގެ ވިޔަފާރީގެ ވެރިރަށުގެ ގޮތުގައި ބަލާ ލާގޯސްގައި ހަދަމުން ދިޔަ 21 ބުރީގެ އިމާރާތެއް ކުއްލިއަކަށް ވެއްޓި، އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން މަދުވެގެން ހަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

އިއްޔެ މެންދުރު ފަހު މި އިމާރާތް ވެއްޓުނީ އެ އިމާރާތުގެ ތެރޭގައި މަސައްކަތު މީހުން ވެސް ތިބި ވަގުތެއްގައި ކަމަށް ވާތީ، އިމާރާތުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ބެލެވެ އެވެ. ނައިޖީރިއާ ފުލުހުން ބުނި ގޮތުގައި، ވެއްޓުނީ ލަގްޒަރީ އެޕާޓްމަންޓްތަކެއްގެ ގޮތުގައި ހަދަމުން ދިޔަ އިމާރާތެކެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓިފައިވާ އިމާރާތުގައި ދަށުގައި، އެއްވެސް މީހަކު ދިރިހުރިތޯ ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މަރުވެފައި އޮތް ހަ މީހެއްގެ ހަށިގަނޑު ވެސް ފެނުނީ، ވެއްޓިފައިވާ ބައިތަކުގެ ދަށުން ކަމަށްވެފައި، އިމާރާތް ވެއްޓުނު އިރު، އިމާރާތުގެ އެކި ބައިތަކުގައި މަސައްކަތު މީހުން ތިބި ކަމަށް، މަންޒަރު ދުށް މީހުން ބުނާތީ، އިތުރު މީހުން އިމާރާތުގެ ދަށުގައި ވާނެ ކަމަށް ބެލެވެ އެވެ.

ވެއްޓުނު އިމާރާތުގެ ދަށުގައި މަރުވެފައި އޮތް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ
ވެއްޓުނު އިމާރާތުގެ ދަށުގައި މަރުވެފައި އޮތް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ

އެ އިމާރާތުގައި މަސައްކަތް ކުރާ މީހުންގެ އާއިލާތައް، އިމާރާތް ވެއްޓުނު ތަނަށް އެއްވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހުންނާ ދެމެދު ދެބަސްވުންތަކެއް އުފެދުމުން، އެކަން ހައްލު ކުރަންޖެހުނީ ފުލުހުން ގޮސްގެންނެވެ. ދެބަސްވުން އުފެދުނީ، މީހުން ސަލާމަތްކުރާ އިދާރާގެ މީހުން އެ ތަނަށް އައުން ލަސްވުމުންނެވެ.

އާއިލާތަކުން ބުނާ ގޮތުގައި، މީހުން ސަލާމަތްކުރާ ޓީމު އެ ތަނަށް އައީ އިމާރާތް ވެއްޓުނުތާ އެތައް ގަޑިއިރެއް ފަހުންނެވެ. އިމާރާތުގެ ކައިރީގައި މިހާރު ވެސް ގިނަ އަދަދެއްގެ އާންމުން ރުޅިގަދަވެ އަޑުގަދަ ކުރަމުން ދާތީ، މީހުން ކޮންޓްރޯލް ކުރުމަށް ސިފައިންގެ ބޭނުންކުރާނެ ކަމަށް މިހާރު ވަނީ އަންގައިފަ އެވެ.

ނައިޖީރިއާގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީގެ ވެރިޔާ އިބްރާހީމް ފަރިންލޯޔޭ ވިދާޅުވި ގޮތުގައި، އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން، އިމާރާތުގެ ބައިތައް ނަގަމުން ދިޔައިރު، ދިރި ތިބި ހަތަރު މީހަކު ވަނީ ފެނިފަ އެވެ. އަދި މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ވެސް ފެނުނެވެ.

ވެއްޓުނު އިމާރާތުގެ ދަށުގައި މަރުވެފައި އޮތް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ
ވެއްޓުނު އިމާރާތުގެ ދަށުގައި މަރުވެފައި އޮތް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ

ލާގޯސް ސްޓޭޓްގެ އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީގެ ޖެނެރަލް މެނޭޖަރު ފެމީ އޮކޭ ވިދާޅުވި ގޮތުގައި، ވެއްޓިފައިވާ އިމާރާތުގެ އަޑީގައި އެތައް ބަޔަކު ތާށިވެފައިވާނެ ކަން، އާއިލާތަކުން ދޭ މައުލޫމާތުތަކުން އެނގެ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނި ގޮތުގައި، އިމާރާތް ވެއްޓުނު އިރު އިމާރާތުގެ ތެރޭގައި ސާޅީހަކަށް މީހުން ތިބޭނެ އެވެ. ނަމަވެސް އެހެން މަސައްކަތު މީހަކު ބުނި ގޮތުގައި އިމާރާތް ވެއްޓުނުއިރު، 100 އަށް ވުރެ ގިނަ މީހުން އިމާރާތުގެ ތެރޭގައި ތިއްބެވެ.