މުމްބާއީ (ޖުލައި 17) - އިންޑިއާގެ މުމްބާއީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިމާރާތެއް ވެއްޓި 10 މީހުން މަރުވެ އިތުރު 10 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
"މިހާތަނަށް ވަނީ 10 މީހެއްގެ ހަށިގަނޑު ފެނިފައި. އަދި ޒަޚަމްވި ނުވަ މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" ޑިޒާސްޓާ މެނޭޖްމަންޓުގެ ތަރުޖަމާން ތަނަޖީ ކަމްބްލް ވިދާޅުވި އެވެ. "އިމާރާތުގެ ދަށުގައިވާ އެންމެން ސަލާމަތް ކުރެވެންދެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ."
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ދަނީ އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ ދެ ޓީމަކުން ހަރަކާތްތެރިވަމުންނެވެ.
ޑިޒާސްޓާ އޮފިޝަލަކު ވިދާޅުވީ އެ އިމާރާތުގައި މީހުން ދިރިނޫޅެން މާކުރިން ވެސް އަންގާފައިވާ ކަމަށެވެ.
މަހާރާޝްތުރާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޑެވެންދުރަ ފަޑްނަވިސް ވިދާޅުވީ އެއީ 100 އަހަރުވެފައިވާ އިމާރާތެއް ކަމަށާއި އެ އިމާރާތް ވެއްޓުނު އިރު އެ ތަނުގައި 15 އާއިލާއެއް ދިރިއުޅެމުން ދިޔަ ކަމަށެވެ.
އިންޑިއާގެ މާލީ ހަބުގެ ގޮތުގައި ބަލާ 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މުމްބާއީގައި މި މަހު ކުރީކޮޅު ފާރެއް ވެއްޓި ވަނީ 29 މީހުން މަރުވެފަ އެވެ.