މޮސްކޯ (ޖެނުއަރީ 2) - ރަޝިޔާގެ މަގްނިޓޮގޮސްކް ސިޓީގައި ވެއްޓުނު އިމާރާތެއްގެ ބައިތަކުގެ ދަށުގައި ގަދަ ފިނީގައި 30 ގަޑިއިރު ވަންދެން އޮތް 11 މަހުގެ ކުއްޖެއް ސަލާމަތްކޮށްގެން ވެރިރަށް މޮސްކޯ އަށް ގެންގޮސްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މައިނަސް އެތައް ދަރަޖައެއް ފިނީގައި އެ ކުއްޖާ އޮތުމުގެ ސަބަބުން އަތްފައިގެ ޓިޝޫތައް ހަލާކުވެފައިވާ ކަމަށެވެ. އަދި ބޮލަށް ގެއްލުން ލިބި، ފައި ވެސް ބިނދިފައިވާ ކަމަށް ބުނެފައިވެ އެވެ.
އިމާރާތް ވެއްޓުނު ހާދިސާގައި އެ ކުއްޖާގެ މަންމަ ވެސް ސަލާމަތްވި އެވެ. އެ ހާދިސާގައި 14 މީހުން މަރުވެ 27 މީހުން ވަނީ ގެއްލިފަ އެވެ.
އިވާން ނަމަކަށް ކިޔާ ކުއްޖާ ފެނުނު އިރު އޮތީ ރަޖާގަނޑެއްގަ އެވެ. އެކަމަކު އެ ސަރަހައްދުގައި ދުވާލު ވަގުތުގައި ވެސް ފިނިކަން ހުންނަނީ މައިނަސް 17 ޑިގްރީ ސެލްސިއަސްގަ އެވެ.
އިމާރާތުގައި ބާރުގަދަ އެއްޗެއް ގޮވީ ފުރަތަމަ ބުރީގަ އެވެ. ގާތްގަނޑަކަށް 120 މީހުން ދިރިއުޅޭ އިމާރާތުން 48 ފްލެޓް ވެއްޓުނެވެ. މި ހާދިސާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ.