ނިއު ދިއްލީ (ޖުލައި 18) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރަށް ބޭރު ހިސާބެއްގައި ހަ ބުރީގެ އިމާރާތެއް ވެއްޓި އެތައް ބަޔަކު ތާށިވެފައިވާތީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 100 އަށް ވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ވަނީ މަރުވެފައިވާ ތިން މީހެއްގެ ހަށިގަނޑު ހޯދައިފަ އެވެ. އަދި އިތުރު 12 މީހަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެފައިވާނެ ކަމަށް އޮފިޝަލުން ލަފާ ކުރެ އެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި އެއް އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ކަމަށް އަވަށްޓެރިން ބުނެ އެވެ.

ވެއްޓުނު ދިއްލީގެ އިމާރާތުގެ ބައިތަކުގެ ދަށުން މަރުވެފައިވާ މީހަކު ނެރެގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ވެއްޓުނު ދިއްލީގެ އިމާރާތުގެ ބައިތަކުގެ ދަށުން މަރުވެފައިވާ މީހަކު ނެރެގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އިމާރާތް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ އިމާރާތުގެ ވެރި ފަރާތް ވެސް ހިމެނެ އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި އިމާރާތްތައް ވެއްޓުމަކީ އާއްމު ކަމެކެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގަ އެވެ. ދިއްލީގެ އިމާރާތް ވެއްޓުނީ މޫސުމީ މައްސަލައެއްގައި ކަމެއް އަދި ނޭނގެ އެވެ.

އިންޑިއާގެ އުތުރުގެ ހިސާބެއްގައި މިދިޔަ މެއި މަހު ފްލައިއޯވަރެއް ވެއްޓުމުން ވަނީ 18 މީހުން މަރުވެފަ އެވެ. އަދި މުމްބާއީގައި 100 އަހަރުވެފައިވާ އިމާރާތެއް މިދިޔަ އަހަރު ވެއްޓި 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.