މުމްބާއީ (ސެޕްޓެމްބަރު 1) - އިންޑިއާގެ މާލީ ވެރިރަށުގެ ގޮތުގައި ބަލާ މުމްބައީގައި ހަ ބުރި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ އެވެ.
މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ބެންދީ ބާޒާރުގައި ހުރި އިމާރާތް ވެއްޓުމުން އިތުރު 21 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ 100 އަހަރުވެފައިވާ އިމާރާތެއް ކަމަށްވެ އެވެ. އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އިމާރާތް ވެއްޓުމުގެ ހިތާމަވެރި ހާދިސާ ހިނގި އިރު މުމްބާއީގައި ފެންބޮޑުވެ ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. ފުލުހުން ލަފާކުރަނީ މި އިމާރާތް ވެއްޓުނީ ވާރޭގެ ސަބަބުން ސްޓްރަކްޗާ ބަލިކަށިވެގެން ކަމަށެވެ.
މިއީ މަހެއްހާ ދުވަހު ތެރޭ މުމްބާއީގައި ވެއްޓުނު ތިން ވަނަ އިމާރާތެވެ. މި ޖުލައި މަހު ވެސް ވަނީ ހަތަރު ބުރީގެ އިމާރާތެއް ވެއްޓި 17 މީހުން މަރުވެފަ އެވެ. އޭޝިއާ އަށް ބަލާއިރު ކުލި އެންމެ ބޮޑު ސިޓީތަކުގެ ތެރޭގައި މުމްބާއީ ހިމެނެ އެވެ. އެހެންވެ ބާ އިމާރާތްތަކުގައި ދިރިއުޅެން ބައެއް ފަހަރު ހާލަތު މަޖްބޫރު ކުރުވަ އެވެ. މުމްބާއީގެ މުނިސިޕަލް އޮތޯރިޓީ ބުނީ ބާވެ ވެއްޓެން ކައިރިވެފައިވާ އިމާރާތްތަކުގައި މީހުން ދިރިއުޅުން މަނާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް މާ ހަރުދަނާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.