އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ އާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުުރު އަދަދެކެވެ. މި އަހަރު ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.

އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 64 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދަކީ 13.4 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ ކަނަޑައަޅާފައިވާއިރު، މިއީ މިދިޔަ އަހަރު އެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓު ވެސް 18 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓުގައި ވަނީ ޕީއެސްއައިޕީގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. ބޭންކުތައް މެދުވެރިކޮށް އެއް ބިލިއަން ރުފިޔާގެ ލޯނު ދޭން ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ބަޖެޓުގެ ތަފްސީލް

• ޖުމްލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ

• އާމްދަނީ: 39.8 ބިލިއަން ރުފިޔާ

• ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ

• ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ

• ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓު