އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ތިމާވެއްޓާ ރައްޓެހި ފައިނޭންސިން ފެސިލިޓީތައް ހޯދުމަށް ދަތިތައް އެބަހުރި ކަމަށާއި އެފަދަ ފަންޑުތައް ހޯދަން ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޔޫއެންޑީޕީން އިސް ނަގައިގެން މިއަދު ފެށި "ރީޖަނަލް ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް"ގައި ސައީދު ވިދާޅުވީ، ބްލޫ ބޮންޑަކީ، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ރަނގަޅު ފައިސޭސިން ފެސިލިޓީ ކަމަށްވާއިރު އެކަހަލަ ބޮންޑެއް ހޯދުމަށް ކުދި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

"ބްލޫ ބޮންޑަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް ފައިސާ ހޯދުމުގެ ވަރަށް ރަނގަޅު މަގު. އެކަމަކު ލިޔެކިޔުމުގެ ޝަރުތުތަކާއި، ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން، އަޅުގަނޑުމެން ކަހަލަ ތަރައްގީވަމުން އަންނަ ގައުމުތަކަށް، މި ފައިނޭންސިން އޮޕްޝަންތައް ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ އިތުރުން ޕްރައިވެޓް ސެކްޓަރާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު އިތުރުކޮށްފި ނަމަ ރާއްޖެ ފަދަ ގައުމުތަކުގެ އިގްތިސާދީ ދުވެލި ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުގެ ބާރުވެރިކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަން ހޯދުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓަށް 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭ އިރު އޭގެ ތެރެއިން 771 މިލިއަން ރުފިޔާގެ ގްރީން ނުވަތަ ބްލޫ ބޮންޑު ވިއްކަން ވެސް ކަނޑައަޅާފައިވެ އެވެ.