ހުޅުމާލޭގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން ޑިޒައިންކޮށް ކުރެހުމަށް ހުޅުވައިލި މުބާރާތެއްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަވާނެހެން، ތިމާވެއްޓާ ރަހުމަތްތެރިކޮށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ކޯ އޮފް އާކިޓެކްޗާ އެންޑް އާޓް (ސީއޭއޭ) އިން ހުށަހެޅި ކުރެހުމަށް އެއްވަނަ ލިބިއްޖެ އެވެ.
ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ކުރިމަތިވެފައިވާ ރާއްޖެއަށް ހާއްސަކޮށް، "އޯޝަން ހެވަން" ގެ ނަމުގައި ހުށަހެޅި ކުރެހުމުން ރާއްޖޭގެ މޫސުމާއި ކަނޑުގެ ރީތިކަން ސިފަކޮށްދެ އެވެ. އަދި މިއީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރެވޭ ގޮތަށް، ދެމެހެއްޓެނިވި ތަރައްގީއަށް ވިސްނައިގެން ހަދާފައިވާ ޑިޒައިނެއް ކަމަށް ބުނެފައިވެ އެވެ.
ހުޅުމާލޭން 100،000 އަކަމީޓަރުގެ ސަރަހައްދެއް ހިއްކައިގެން 60،000 އަކަމީޓަރުގެ ސަރަހައްދެއްގައި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ރާއްޖޭގައި މިހާރު ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ނުޖެހޭ ގޮތަށް، ފޮރިން ޑައިރެކްޓް އިންވެންސްޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަޝްރޫއަށް 150-200 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް އަންދާޒާކުރެވެ އެވެ.
މިތަނުގައި އެއާޕޯޓް ކޮމްޕެނީ ސާވިސް ސެންޓަރަކާއި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރަކާއި ކޮންވެންޝަން ސެންޓަރަކާއި އައިލެންޑް ޓްރާންސްޕޯޓް ހަބަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ފިހާރަތަކާއި ހޮޓާތަކާއި ރިޓެއިލް ޝޮޕިން ސެންޓަރާއި ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަން ވެސް ތަރައްގީކުރާނެ އެވެ. މި ތަން ތަރައްގީކުރުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މި ތަނުގެ ޑިޒައިން ކޮށްފައިވަނީ އެއްގަމުން އަދި މޫދުން ވެސް އެ ސަރަަހައްދުގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށެވެ. އަދި މިތަނުން ނަގާ ވާރޭ ފެނުންނާއި އަވިންނާއި ރާޅުން، އެ ތަނަށް ބޭނުންވާ ހަކަތައިގެ 70 ޕަސެންޓް އުފެއްދޭނެ ކަމަށް، ހުށަހެޅި ޑިޒައިންގެ ތަފްސީލްގައި ބުނެފައިވެ އެވެ.
އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ މަޝްރޫގައި ހިމެނޭ މި އިކޮނޮމިކް ޒޯން ތަރައްގީކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު އެވެ.