ކަރޭޓޭ އަށް މުޅި ދުނިޔޭގައި ބޮޑު މަޝްހޫރުކަން ހޯދި، އަދި އެ ކުޅިވަރުން ލެޖެންޑެއްގެ ދަރަޖަ ހޯދި ހޮންކޮންގުގެ މަޝްހޫރު ބުރޫސް ލީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފި އެވެ.
އަންނަ ޖުލައި މަހުގެ ތެރޭގައި މެލޭޝިއާގައި ޝޫޓިން ފަށާ މި ފިލްމުގެ ނަމަކަށް ހަމަޖައްސައިފައި ވަނީ "ލިޓްލް ޑްގަރަން" އެވެ. ފިލްމުގެ ބައެއް މަންޒަރުތައް ޗައިނާގައި ވެސް ނަގާނެ އެވެ.
ބްރޫސް ލީގެ އަންހެން ދަރިފުޅު ޝެނަން ލީ ކޯ ރައިޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ މި ފިލްމް އުފައްދަނީ ބްރޫސް ލީގެ އާއިލީ ފިލްމް ކުންފުނި ބްރޫސް ލީ އެންޓަޓައިންމަންޓުންނެވެ.
މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ހޮލީވުޑްގައި ވެސް މަސައްކަތްކުރާ އިންޑިއާގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރެވެ. އޭނާއަކީ އޮސްކާ އަށް ނޮމިނޭޓްވި އެލިޒަބަތު (1998) އާއި އެލިޒަބަތު: ދަ ގޯލްޑެން އޭޖް (2007) ގެ ޑައިރެކްޓަރެވެ.
ޝޭކަރް ކަޕޫރް ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ހިންދީ ފިލްމުތަކުގެ ތެރޭގައި "މާސޫމް" އާއި "މިސްޓަ އިންޑިއާ" ފާހަގަކޮށްލެވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "ލިޓްލް ޑްރަގަން" ގެ ޑައިރެކްޝަނާ ޝޭކަރް މިހާރު ހަވާލުވެފައިވާ އިރު، މި ފިލްމުގައި ބްރޫސް ލީގެ ކެރެކްޓާ ކުޅޭނެ އެކްޓަރަކު ހޯދަން ހޮލީވުޑްގެ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މޭރީ ވާނީއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
"ލިޓްލް ޑްރަގަން" އާ ބެހޭ ގޮތުން ޝެނަން ބުނީ އެ ފިލްމުގައި އޭނާގެ ބައްޕަ ހަޔާތުގެ ސޮފުހާތަކުގެ އެކި ދައުރު ވަރަށް ފުރިހަމަ އަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށެވެ. އެގޮތުން މާޝަލް އާޓްސްގެ ހުނަރުތަކާއި ބްރޫސް ލީގެ ޒާތީ ދިރިއުޅުމުގެ ކަންތައްތަކާއި އޭނާގެ ކެރިއަރު ބައްޓަންވެގެން އައި ގޮތް ފިލްމްގައި ދައްކުވައި ދޭނެ ކަމަށް ބުންޏެވެ.
"އަހަރެން އަބަދު ވެސް ގަބޫލުކުރަނީ ބައްޕަގެ ހަޔާތަކީ އެތައް ބަޔަކަށް ފިލާވަޅުތަކާއި އިބުރަތްތަކެއް ހާސިލްކޮށް ދޭނެ ދަތުރެކޭ،" ޝެނަން ބުންޏެވެ.
ބްރޫސް ލީއަކީ ބައެއް ފިލްމުތަކުގައި ވެސް އޭނާގެ ކަރާޓޭ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ދަ ބިގް ބޮސް (1971)، ފިސްޓް އޮފް ފިއުރީ (1972) އަދި ވޭ އޮފް ދަ ޑްރަގަން (1972) ފާހަގަކޮށްލެވެ އެވެ.
އުމުރުން އެންމެ 32 އަހަރުގައި ބުރޫސް ލީ މަރުވީ ޖުލައި 20، 1973 ގަ އެވެ.