ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަ ކުރެވޭ ހިދުމަތް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މިއަދުން ފެށިގެން ޑޭޓާ ރޯލްއޯވަ ހިދުމަތް ލިބޭނެ ކަމަށެވެ.

ޑޭޓާ ރޯލްއޯވަ ތައާރަފު ކުރުމާ އެކު، އޮކްޓޫބަރު މަސް ނިމުނު އިރު ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް މިހާރު ވަނީ މިމަހުގެ އެލަވަންސާ އެކު ހިމަނައިފަ އެވެ.

ދެން ކޮންމެ މަހަކު ވެސް ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްގައި ހިމެނޭނެ އެވެ.

މިގޮތަށް ރޯލް އޯވަ ވާނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ބްރޯޑްބޭންޑް ހިދުމަތެވެ.

ރާއްޖޭގެ ގޭބިސީތަކުގެ 80 ޕަސެންޓަށް މި ހިދުމަތް ދިރާގުން މިހާތަނަށް ފޯރުކޮށްދީފައިވެ އެވެ. މީގެ ތެރޭގައި 65 ރަށެއް ހިމެނެ އެވެ.