ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން "ސުޕަނެޓް"ގެ ނަމުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފަށައިފި އެވެ.
ހެންވޭރު އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އުރީދޫ މިއުޒިކް ނައިޓްގެ ތެރެއިން "ސުޕަނެޓް" ހިދުމަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
މީޑިއާނެޓާ ގުޅިގެން އުރީދޫން މި ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސެންސް އެ ކުންފުންޏަށް ލިބިފައި ވަނީ މިދިޔަ އަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
ރޭގެ ޝޯގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އެ ކުންފުނިން ތައާރަފްކުރި މި ހިދުމަތާ އެކު ރާއްޖޭގެ މިހާރުގެ މާކެޓުގައި ލިބޭ އިންޓަނެޓް ސްޕީޑުތަކަށް ވުރެ 10 ގުނަ ހަލުވި ސްޕީޑުގައި ސުޕަނެޓް މެދުވެރިކޮށް އިންޓަނެޓް ލިބޭނެ ކަމަށެވެ.
އަދި ސުޕަނެޓްގެ 1 ޖީބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ ޕެކޭޖަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރެވޭ، މިހާތަނަށް ރާއްޖޭގައި ފޯރުކޮށްދެވޭ އެންމެ ސްޕީޑް ރަނގަޅު ޕެކޭޖް ކަމަށް ވެސް ވިކްރަމް ވިދާޅުވި އެވެ.
މި ހިދުމަތުގައި 2 އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދުގެ ހަލުވި ސްޕީޑް ލިބޭ ޕެކޭޖުތައް ހިމަނާފައިވެ އެވެ. އަދި މި ޕެކޭޖުތަކުގެ އަގު 500ރ. އިން ފެށޭ އިރު ބައެއް ޕެކޭޖުތަކުގައި ޕަވާ ޕްލޭންތަކެއް ވެސް ވަނީ ހިމަނާފަ އެވެ.
އުރީދޫން ވަނީ ބްރޯޑްބޭންޑް ހިދުމަތުގެ އިތުރުން ފިކްސްޑް ލޭންޑްލައިންގެ ހިދުމަތް ވެސް ތައާރަފް ކޮށްފަ އެވެ. އަދި ސުޕަނެޓް ހިދުމަތަށް އެދި ހުށަހަޅާ ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަ އިނާޔަތެއްގެ ގޮތުގައި އުރީދޫ ލޭންޑްލައިން ހިދުމަތް "ޓެލެފޯނީ"ގެ ހިދުމަތް ލިބޭނެ ވިކްރަމް ސިންހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ސުޕަނެޓުގެ ހިދުމަތް ހިޔާރުކުރާ ކަސްޓަމަރުންނަށް މައިކްރޮސޮފްޓް 365 ގެ އުފެއްދުންތައް ހިލޭ ބޭނުން ކުރުމުގެ ފުރުސަތާއި މަޝްހޫރު އޮންލައިން ވީޑިއޯގޭމް ޑިސްޓްރިބިއުޓާ ޖީޓޫއޭ އިން އީ-ގިފްޓް ކާޑެއް ލިބޭނެ އެވެ. އަދި މީޑިއާނެޓުގެ ކަނެކްޝަން ބޭނުންކުރާ ކަސްޓަމަރުންނަށް ސުޕަނެޓް މެދުވެރިކޮށް އޯޕަން ޓީވީ ހިލޭ ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.