ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު، ކެރޮން ރޮސްލާ މި ރޯދަމަހު ރޯދަ ހިއްޕަވައި ގުރުއާން ކިޔަވާނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ރޯދަމަހުގެ ތަހުނިޔާގެ ޓުވީޓުގައި ސަފީރު ވިދާޅުވީ، މުސްލިމުންނާ އެކު އޭނާ ވެސް މި ރޯދަމަހު، ރޯދަ ހިއްޕަވައި ކީރިތި ގުރުއާން ވިދާޅުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ރޯދަމަހާ ދިމާވީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ދުވަސްވަރާ ކަމަށް ވާތީ، އެ ދަތިތަކާ ހުރެ އެ ފަހަރު ރޯދަ އަށް ނުހުންނެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ލޮކްޑައުންގެ ސަބަބުން އުނދަގޫވި. އެކަމަކު މާތްﷲގެ ރަހުމަތްފުޅާއެކު މި އަހަރު ރޯދަ ހިފާނަން،" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރޯދަ ހިފުމާއި ގުރުއާނުގެ ކަންކަމުގައި އާންމުގެ ހިޔާލު ލިބިއްޖެ ނަމަ، އެކަމަށް މަރުހަބާ ކިޔުއްވާނެ އެވެ.

އެ ޕޯސްޓާއެކު އެތައް ބަޔަކު ވަނީ ސަފީރަށް ތަފާތު އެކި ހިޔާލުތައް ދީފަ އެވެ. ހާރަށް ރިހާކުރު ކާ ނަމަ، ގިނައިން ފެން ބުއިމަށާއި ގުރުއާން ވިދާޅުވާއިރު ތަރުޖަމާ ބެއްލެވުމަށް ވެސް އެދުނެވެ. ގުރުއާނުގެ ތަރުޖަމާ ނުބައްލަވާ ނަމަ، އޭގައި ބުނާ އެއްޗެއް އެނގިވަޑައިނުގަނަންވާނެ ކަމަށާއި އޭރުން ގުރުއާން ވިދާޅުވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެ އެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމާ، ކެރޮން ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގަ އެވެ. އޭނާއަކީ ރާއްޖޭގައި ގާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ.