ފުވައްމުލަކުގައި ބްރައިޓްވޭ އިންޓަނޭޝަނަލްގެ ސްކޫލެއް ހުޅުވައި ކިޔަވައިދޭން ނިންމައިފި އެވެ.
ކިޔަވާ މޯލްޑިވްސް ކުންފުންޏާއި ސިންގަޕޫރުގެ އިރުޝިޔާދު ޓްރަސްޓް އަދި ހުޅުމާލޭގައި މިހާރު ވެސް ބްރައިޓްވޭ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަން ގުޅިގެން ފުވައްމުލަކުގައި ބްރައިޓްވޭގެ ދެ ވަނަ ސްކޫލުގައި ކިޔަވައިދޭން ފަށާނީ އަންނަ މަހުގެ 10 ގައި ފަށާ މި އަހަރުގެ ދިރާސީ އާ އަހަރާއެކުގަ އެވެ.
ބްރައިޓްވޭގެ ފުރަތަމަ ސްކޫލު ހުޅުވީ 2019 ވަނަ އަހަރު ހުޅުމާލޭގަ އެވެ.
އެ ސްކޫލު މިހާރު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ ބްރައިޓްވޭގެ ކުޑަ ހިޔާވަހިކަމުގެ ދަށުން އިތުރު ސްކޫލެއް ހުޅުވިގެން ދިއުމަކީ ރާއްޖޭގައި އެ ބްރޭންޑު ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ތައުލީމު ފޯރުކޮށްދޭ އެކި ފަރާތްތަކާ ގުޅިގެން ބްރައިޓްވޭގެ ބްރޭންޑު ފުޅާކުރަން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ބްރައިޓްވޭ ފުވައްމުލަކު ސްކޫލުގައި ވެސް ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ސްމާޓް ސްކޫލު އިނީޝިއޭޓިވް އަދި ދަރިވަރުން ކުރިއަށް ދިއުމަށް ބައިނަލްއަގުވާމީ މައިދާނުން އެކި ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
ފުވައްމުލަކު ބްރައިޓްވޭ ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭނީ ނާސަރީން ފެށިގެން ގްރޭޑު 5 އާ ހަމައަށެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ގްރޭޑުތަކަށް ކިޔަވައިދޭނެ އެވެ.