ރާއްޖޭގެ ފެޝަން ދާއިރާގެ އުފެއްދުންތައް އާންމުންނަށް ދައްކައިލުމަށް ބާއްވާ އެންމެ ބޮޑު ފެއާ "ބްރައިޑް މޯލްޑިވްސް" ގެ ސްޕޮންސަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.
އަންނަ މަހު 5، 6، އަދި 7 ގައި ދަރުބާރުގޭގައި އޮންނަ މި ފެއާގެ ޓައިޓްލް ސްޕޮންސަރަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓެވެ. މިއީ އެސްޓީއޯ އިން ބްރައިޑް ފެއާ ސްޕޮންސާ ކުރާ ފަސް ވަނަ ފަހަރެވެ.
މިއަހަރުގެ ފެއާގެ ޕާފިއުމް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ލިންޓެލް އިންވެސްޓްމަންޓެވެ. އަދި ޝޫސް އެންޑް ޖުވެލަރީ ޕާޓްނަރުގެ ގޮތުގައި ފިނޭސް ހަމަޖައްސާފައިވާއިރު، މޭކްއަޕް ޕާޓްނަރަކީ ހީޓް ސެލޫނެވެ.
މީގެ އިތުރުން ފެއާގެ ޕްރިންޓިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ޕްރިންޓް ލެބެވެ. އަދި ކޭކް ޕާޓްނަރަކީ އެފެސް ކޭކްސް އެވެ. މިއަހަރުގެ ފެއާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
ޓައިޓްލް ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ބްރައިޑް މޯލްޑިވްސްގެ ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ އެއީ ރާއްޖޭގެ ފެޝަން ދާއިރާގައި އެކި ކަހަލަ މަސައްކަތް ކުރާ ފަރާތްތަކަށް، އެ މީހުންގެ އުފެއްދުންތައް އާންމުނަށް ދައްކާލައި، އިޝްތިހާރު ކުރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.
"ބްރައިޑް ފެއާ މެދުވެރިކޮށް، ފެޝަން ދާއިރާއިން ރާއްޖޭގައި ލިބެން ހުރި އުފެއްދުންތަކާއި ހިދުމަތްތަައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ. އަދި ރާއްޖޭގެ ފޮޓޯގްރަފަރުންނާއި ފެޝަން ޑިޒައިނަރުން އެމީހުންގެ މަސައްކަތައް ދައްކައިލުމަށް ފުރުސަތު ލިބޭ،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ފެއާގެ ސޭލްސް އެންޑް މާކެޓިންގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ މާކިޓެކްޓުންނެވެ.
ބްރައިޑް ފެއާ ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. މި ފެއާ އަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ކޮންމެ އަހަރަކު ވެސް ލިބޭ ފެއާ އެކެވެ.