ދިރާގުގައި ވަޒީފާ އަދާކުރާ މައިން އެ މީހުންގެ ދަރިންނަށް ގާތުން ދިނުން ފަދަ ކަންކަމަށް ހާއްސަކޮށްގެން، ހާއްސަ ކޮޓަރިއެއް މިއަދު ހުޅުވައިފި އެވެ.

މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ދިމާކޮށް "މައިންގެ ކޮޓަރި" ހުޅުވީ ދިރާގުން ބުނި ގޮތުގައި އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ދިނުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށެވެ.

ލިބޭ ބްރޭކް ގަޑި ތަކުގައި ގެޔަށް ގޮސް ދަރިންނަށް ގާތުން ދޭންއެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ގާތުން ކިރުދިނުމަށް ބުރޫ އަރަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މައިންގެ ކޮޓަރިތައް ކޮންމެ އޮފީހެއްގައި ގާއިމުކުރުން ވަނީ ލާޒިމްކޮށްފަ އެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާ އެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީ އެވެ.

ރާއްޖޭގައި ޑިޖިޓަލް އަދި މުއާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ދިރާގުގައިގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން އަންނަ އިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑު ކަމަށް ދިރާގުން ބުނެ އެވެ. އެހެންވެ، އަންހެނުން ބާރުވެރިކޮށް ވަޒީފާގެ މާހައުލުގައި ހަމަހަމަ އުސޫލުތަކަށް އަމަލުކުރުމަކީ ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ގޮތެކެވެ.