މަންމައަކު ބުނި ގޮތުގައި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ އޭނާގެ ތުއްތު ފިރިހެން ދަރިފުޅެވެ. އޭނާއަށް އުރަމަތީ ކެންސަރު ޖެހިފައި ހުރިކަން ފާހަގަކުރެވިގެން ދަރިފުޅު އެއްގޮތަކަށް ވެސް ގާތުން ނުބުއި ކަމަށް އޭނާ ބުންޏެވެ.
ސާރާ ބޮޔޭލް، 26، ބުނި ގޮތުގައި އޭނާގެ ހަ މަހުގެ ދަރިފުޅު ޓެޑީ އެއްދުވަހަކު ގާތުން ބުއިމަށް ދެކޮޅުހަދައި ބޮޑާހާކަން ފެށީ އެވެ. އިނގިރޭސިވިލާތުގެ ސްޓެޑްފޯޑްޝަޔާގައި ދިރިއުޅޭ މި އަންހެންމީހާ ބުނި ގޮތުގައި އެ ދުވަހަށް ފަހު ދަރިފުޅު ހަމަ އެއްގޮތަކަށް ވެސް ކަނާތްފަރާތުން ބޯން ބޭނުމެއް ނުވެ އެވެ.
މިކަން ދިމާވުމުގެ ބޮޔޭލް ވަނީ އުރަމަތީގައި ސިސްޓެއް އިނދެގެން ޓެސްޓްތައް ހަދައިފަ އެވެ. އަދި ކުރިން ހެދި ސްކޭންތަކުން އެއީ ކެންސަރު ނެތް ސިސްޓެއްކަން އޮތީ ޔަގީން ވެފަ އެވެ. ނަމަވެސް ދަރިފުޅު އުޅޭ ގޮތުން ޝައްކުވެގެން އޭނާ އަނެއްކާވެސް ސްކޭން ހަދައިގެން ބަލަން ގަސްތުކުރީ އެވެ. އެ ފަހަރުގެ ސްކޭނުން ޓްރިޕަލް ނެގަޓިވް ބްރެސްޓް ކެންސާ ދެ ވަނަ ސްޓޭޖްގައި ހުރިކަން އެނގުނެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ގާތުން ބޯ ތުއްތު ކުދިންނަށް، އުރަމައްޗަށް އަންނަ ބަދަލުތައް ދެނެގަނެވެ އެވެ. ނަމަވެސް މިއީ އުރަމަތީ ކެންސަރުގެ ނިޝާނެއް ކަމަކަށް މެޑިކަލް ޕްރޮފެޝަން ގަބޫލެއް ނުކުރެ އެވެ.
ބޮޔޭލް ބުނި ގޮތުގައި އޭނާ ދަރިފުޅު ޓެޑީއަށް ކަނާތް ފަރާތުން ދޭން އެކި ގޮތްގޮތުން މަސައްކަތްކޮށް ވެސް ކާމިޔާބެއް ނުވި އެވެ. ނަމަވެސް އެއްވެސް ގޮތަކުން އޭނާ އެ ފަރާތުން ނުބުއިމުން ދަރިފުޅުގެ ކަރަށް ގޮތެއް ވެގެން އުޅެނީ ކަމަށް ވެސް ހީކުރި އެވެ. ނަމަވެސް ފަހުން ޔަގީން ކުރެވުނު ގޮތުގައި ދަރިފުޅު ނުބޯންވެގެން އުޅެނީ ކެންސަރު ހުރި އުރަމަތިން އަންނަ ކިރުގެ ރަހަ ތަފާތު ވީމަ އެވެ.
"އެ ފަރާތުން ދޭން އުޅެންޏާ ދަރިފުޅު ހިތްހަމަނުޖެހިގެން ޖަހަން ވެސް ޖަހާ. އަދި އަހަރެން ކޮއްޕައި ދުރަށް ލާން ވެސް އުޅޭ. އެއީ ވަރަށް ހިތްދަތިވި ކަމެއް،" ބޮޔޭލް ބުންޏެވެ.
ބޮޔޭލްގެ އުރަމަތީގައި ކެންސަރު ނޫން ސިސްޓެއް އިންކަން އެންމެ ފުރަތަމަ އެނގުނީ 2013 ގަ އެވެ. އޭގެ ފަހުން ފަރުވާކޮށް ފަސޭހަވުމަށް ފަހު ވެސް އަލުން ސްކޭނެއް ހަދައިގެން ބަލައިދިނުމަށް ޑޮކްޓަރުންގެ ކިބައިން ބޮޔޭލް އެދުނެވެ. ނަމަވެސް ޑޮކްޓަރުން ވަނީ އެއީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ޓެޑީގެ މިޒާޖަށް އައި ބަދަލާއެކު އޭނާވެސް އިތުރަށް ވިސްނާލުމުން އުރަމަތީގައި ސިސްޓް އިން ތަން މާބޮޑަށް ހަރުވެ ތަދުވާކަން އިހްސާސް ކުރެވުނުކަމަށް ބޮޔޭލް ބުންޏެވެ.
އެހެންވެ އޭނާ އަލުން ޑޮކްޓަރަށް ދައްކައިގެން ސްކޭން އާއި ބައޮޕްސީ ހެދުމުން ކެންސަރުކަން ޔަގީން ކުރެވުނެވެ. މިހާރު ބޮޔޭލް ގެންދަނީ ރޯޔަލް ސްޓޯކް ޔުނިވަސިޓީ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ފަރުވާ ހޯދަމުންނެވެ.
"އެއްވެސް މީހަކަށް ޔަގީންކަމާއެކު އެއް ނުބުނެވޭނެ ޓެޑީއޭ އަހަރެންގެ ކެންސަރު ދެނެގަތީކީ. ނަމަވެސް ޔަގީންވާ ކަމަކީ އޭނާ އެގޮތަށް ނޫޅުނު ނަމަ އަހަރެން ވެސް ޑޮކްޓަރުން ކުރިން ބުނި ވާހަކަތައް ގަބޫލުކޮށްގެން އަލުން ސްކޭން ހަދަން ނޫޅުނީސްކަން. ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކަށް ވުރެ ޓެޑީގެ ވާހަކަ އަހަރެން އަޑުއެހިކަމުން އަހަރެން މި ސަލާމަތްވީ،" ބޮޔޭލް ބުންޏެވެ.