މިއުނިކް (ނޮވެމްބަރު 23) - ޔޫރަޕުގައި ވާދަކުރާއިރު މެންޗެސްޓާ ސިޓީ އަކީ އަދި ފޭވަރިޓެއްގެ ގޮތުގައި ބަލަން އަވަސްކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން ރަށުން ބޭރުގައި މިރޭ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން ތިން ޕޮއިންޓް ހޯދުން ސިޓީ އަށް މުހިއްމެވެ. ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ގްރޫޕް ސީގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި ސިޓީ އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މޮންޗެންގްލަޑްބެކަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސެލްޓިކަށް ލިބުނީ ދެ ޕޮއިންޓެވެ.

މިރޭގެ މެޗަކީ ގާޑިއޯލާ އަށް ހާއްސަ މެޗެކެވެ. އެއީ މިދިޔަ ސީޒަނަށް ފަހު ބަޔާން މިއުނިކް ދޫކޮށް ސިޓީ އަށް ބަދަލުވި ފަހުން ވާދަވެރި މެޗެއްގައި ޖަރުމަނުގެ ކްލަބަކާ ދެކޮޅަށް އެ ގައުމުގައި ނުކުންނަ ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ. މޮންޗެންގްލަޑްބެކަކީ ގާޑިއޯލާ ބަޔާނުގައި ހުރިއިރު ވެސް ބަލިކުރަން އުނދަގޫ ޓީމެކެވެ.

"އަހަރެމެން އެންމެ ފަހުން މެޗުގައި ބާސެލޯނާ އަތުން މޮޅުވި ނަމަވެސް މިތިބީ ހަމަބިމުގައި. އެއީ އެންމެ މެޗެއް. ސިޓީ އަކީ ޔޫރަޕްގައި އެއްވެސް މެޗަކަށް ނުކުންނައިރު ފޭވަރިޓެއް ނޫން. މިއީ އަދި ޔޫރަޕްގައި މާ ބޮޑު ތާރީހެއް އޮތް ކްލަބަކަށް ނުވާތީ،" ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގައި ޖަރުމަނުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ބޭނުން ނުކުރެ އެވެ. އަދި ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވެސް ކުޅެން އެރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

"ސިޓީގައި އޮތީ ބޮޑު ސްކޮޑެއް މި ޓީމުން އެއްވެސް ކުޅުންތެރިޔަކު ބާކީކުރަން އަހަރެން އަދި ނުވިސްނަން. އެ ދުވަހެއްގައި އެންމެ ބުރަކޮށް މަސައްކަތްކޮށް ޓީމު މޮޅުކޮށްދޭން އެހީތެރިވެދެެވޭނެ ކުޅުންތެރިން އެ މެޗެއްގައި މި ބޭނުންކުރަނީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން މަދުވެގެން ފަސް ހަފްތާ ވަރު ނަގާނެ ކަަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ކޮމްޕެނީ އަށް އަނިޔާވީ އެންމެ ފަހުން ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ސިޓީ އާއި މޮންޗެންގްލަޑްބެކް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.