ބުޑަޕެސްޓް، ހަންގޭރީ (ފެބްރުއަރީ 25) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ މައްޗަށް 2-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ޖެހިޖެހިގެން 19 ވަނަ މެޗުން މޮޅުވެއްޖެ އެވެ.
ޖަރުމަނު ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންގްލެންޑުން އަންނަ މީހުންނަށް މި ވަގުތު ޖަރުމަނަށް އެތެރެނުވެވެ އެވެ. އެހެންވެ މުންޗެންގްލަޑްބެކްގެ ދަނޑުގައި އެ ޓީމުގެ ހޯމް މެޗު ކުޅެވޭނެ ގޮތެއް ނެތުމުން ރޭ އެ މެޗު ކުޅުނީ ހަންގޭރީގެ ބުޑަޕެސްޓްގަ އެވެ.
ރޭގެ މެޗުގައި ސިޓީ އަށް މެޗުގެ 29 ވަނަ މިނިޓްގައި ޔާއޯ ކަންސޭލޯ ދިން ބޯޅައަކުން ލީޑުނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ. ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ގޯލު ޖެހީ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ގަބްރިއެލް ޖީސޫސް އެވެ. މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ސިޓީ އަށް ބޭނުމެއް ނުކުރެވުނެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުން މޮޅުވި ނަމަވެސް އޭނާ ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި އެންމެ ބޮޑު ކަމަކީ ލަނޑު ޖަހަން ލިބޭ ގިނަ ފުރުސަތުތައް ބޭނުންނުކުރެވުން ކަމަށެވެ.
"ހަގީގަތަކީ މެޗުގެ ކޮންޓްރޯލް އޮތީ އަހަރެމެން އަތުގައި އެކަމަކު އޭގެ ބޭނުން އެންމެ ފުރިހަމަ އަށް ނުހިފުނު. އަހަރެމެން އެބަޖެހޭ ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފަން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ސިޓީ ކަމަށް ބުނެ މީޑިއާ އިން ދައްކާ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ދެވެން ނެތް ކަމަށާއި އެގޭ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.
"އަހަރެމެންނަކީ ފޭވަރިޓުން ކަމަށް މީހުން ބުނަންޏާ. އެކަން ގަބޫލުވެސް ކުރެވިދާނެ. އެކަމަކު މި ޓީމުގެ ތާރީހުގައި އަދި އެންމެ ފަހަރަކު މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނީ. އެހެންވީމަ އެއީ ވެސް ވިސްނާލުން މުހިއްމު ކަމެއް، ފޭވަރިޓުންނޭ ބުނުމަކުން މައްސަލައެއް ނެތް،" ގާޑިއޯލާ ބުންޏެވެ.
މުންޗެންގްލަޑްބެކް މި މުބާރާތުގެ ނޮކައުޓް ބުރުގައި ވާދަމިކުރަނީ 43 އަހަރަށް ފަހު އެވެ. އެ ޓީމަށް ކުއާޓާ ފައިނަލުން ފުރުސަތެއް ލިބެން އޮތީ އަންނަ މަހު 16 ވަނަ ދުވަހު ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ނަތީޖާ ނެރެގެންނެވެ.