ބޮލީވުޑްގެ ޑައިރެކްޓަރު އަދި ކޯރިއޯގްރާފަރު ފަރާ ޚާންގެ ޔޫޓިއުބް ވޮލޯގްތަކުން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އޭނާގެ ކައްކާ ދިލީޕް މުކިޔާއަކީ "އޯވަރޭޓެޑް" އަދި "މަކަރުވެރިއެއް" ކަމަށް ކޮމީޑިއަން ސައިރަސް ބްރޯޗާ ބުނުމުން ފަރާ އޭނާއަށް ސަމާސާ ރައްދެއް ދީފި އެވެ.
ސައިރަސްގެ ޔޫޓިއުބް ޝޯ "ސައިރަސް ސޭސް"ގެ އެޕިސޯޑެއްގައި އޭނާ ބުނީ ދިލީޕްގެ މަޖާކަން މިހާރު ފެންނަނީ "ސްކްރިޕްޓް" ކޮށްފައިވާ ގޮތަށް ކަމަށާއި، ފަރާ ދަސްކޮށްދޭ އެއްޗެއް ކެމެރާ ކުރިމަތީގައި ކިޔައިދެނީ ކަމަށެވެ.
ދިލީޕްގެ ހަރަކާތްތައް ބަލަން މިހާރު ވަރަށް އުނދަގޫވާ ކަމަށާއި އޭނާގެ ހިތުން ކުރާ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް ވެސް ސައިރަސް ބުންޏެވެ.
އެ ވާހަކަތަކަށް ރައްދުދެމުން ފަރާ ވަނީ ސޯޝަލް މީޑިއާގައި ސައިރަސްއަށް އިޝާރާތްކޮށް "ދިލީޕްގެ ބަދަލުގައި ސައިރަސް ވަޒީފާއަށް ނަގަންވީހޭ" ބުނެ ސަމާސާ މެސެޖެއް ކޮށްފަ އެވެ. އެއަށް ސައިރަސް ވެސް ވަނީ "މާދަމާއިން ފެށިގެން އަންނަންވީހޭ" ބުނެ މަޖާ ރައްދެއް ދީފަ އެވެ.
ފަރާގެ ޔޫޓިއުބް ވޮލޯގްތަކުގައި ދިލީޕް ފެންނަ ސެގްމެންޓްތަކަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު މަންޒަރުތަކެކެވެ.
ސައިރަސްގެ މި ފާޑުކިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ދިލީޕްގެ ދިފާއުގައި ވާހަކަދައްކައި، ދިލީޕްގެ ބަދަލުގައި އެހެން މީހަކު ނުނެގޭނެ ކަމަށް ބުނެފަ އެވެ.