ބޮލީވުޑްގެ ތަރި އަރުޖުން ރާމްޕާލް އާއި އޭނާގެ ގިނަ ދުވަސްވީ ބައިވެރިޔާ އަދި ސައުތު އެފްރިކާގެ މޮޑެލް ގެބްރިއެލާ ޑިމެޓްރިއޭޑްސްގެ ކައިވެނި ރަޖިސްޓްރީކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެމީހުން ކައިވެނި ރަޖިސްޓްރީކުރުމަށް އިންޑިއާގެ ގޯއާގެ މަޕޫސާގައި ހުންނަ ސަބް-ރެޖިސްޓްރާ އޮފީހުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ ހަފުލާގައި ދެފަރާތުގެ އާއިލާ އާއި އެންމެ ގާތް ރައްޓެހިން ބައިވެރިވި އެވެ.

އެކުގައި 8 އަހަރަށް ވުރެ ގިނަ ދުވަހު އުޅުމަށް ފަހު އެމީހުންގެ ކައިވެނި ރަޖިސްޓްރީކޮށްފައި ވަނީ ގޯއާގެ ޔުނިފޯމް ސިވިލް ކޯޑުގެ ދަށުން ކަމަށް ރިޕޯޓްތައް ބުންޏެވެ.

މިހާރު ދެ ދަރިން ވެސް ތިބޭ އަރުޖުން އާއި ގެބްރިއެލާގެ ލޯބީގެ ގުޅުން ފެށުނީ 2018 ވަނަ އަހަރު އެވެ. 

މިއީ އަރުޖުން ރާމްޕާލްގެ ދެވަނަ ކައިވެންޏެވެ.

މީގެ ކުރިން އޭނާ ކައިވެނިކޮށްގެން އުޅުނީ ކުރީގެ މޮޑެލް މެހެރް ޖެސިއާއާ އެވެ. އެ ކައިވެންޏަށް ދެ އަންހެން ދަރިން (މަހީކާ އާއި މީރާ) ލިބިފައިވެ އެވެ. އެމީހުން ވަރިވީ 2019 ގަ އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން އަރުޖުން އާއި ގެބްރިއެލާ އެންގޭޖްވިކަން ހާމަކުރީ ޕޮޑްކާސްޓެއްގަ އެވެ.