ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ތިންވަނަ ދަރިއަކަށް ބަލިވެއިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް އޭނާގެ ޓީމުން ބުނެފި އެވެ.

އެ ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުވީ އިންޑިއާގެ މުމްބާއީގެ ޖިމަކުން ކަރާނީ ނުކުމެގެން ކާރަށް އަރަން ދިޔަ ވަގުތު ޕަޕަރާޒީން ނަގާފައިވާ ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި، ކަރީނާގެ ބަނޑު ކުޑަކޮށް ބޮޑުކޮށް ފެންނަ ކަމަށް ބުނެ ސަޕޯޓަރުން ވަނީ އޭނާ ބަލިވެއިނީތޯ ސުވާލު އުފައްދައިފަ އެވެ.

އޭނާގެ ޓީމުގެ މެމްބަރަކު ކުޑަ ނަގައިގެން ކެމެރާތަކަށް ނުފެންނާނެހެން ނިވާކުރަން އުޅުމުން އެއީ "ބޭބީ ބަމްޕް" ސިއްރުކުރަން އުޅުން ކަމަށް ބައެއް މީހުން ބުންޏެވެ.

އެކަމާ ގުޅިގެން ކަރީނާގެ ޓީމުން ވަނީ އޭނާ ބަލިވެއިން ކަމަށް ބުނެ ފަތުރަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން، ކަރީނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ކޮއްކޮ ސަބާ އަލީ ޚާން ވެސް ވަނީ މި ޚަބަރު ދޮގުކޮށްފަ އެވެ.

ސަބާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކެމެރާގެ އެންގަލް ބަދަލުވުމުން ނުވަތަ އެހެން ކަމަކާ ހުރެ ފެނުނު މަންޒަރަކުން އެންމެން އެހެން ހީކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ކަރީނާ އަބަދުވެސް ފެންނަނީ ވަރަށް ރީތިކޮށް އަދި ރަނގަޅު ސިއްހަތެއްގައި ހުންނަ ތަން ކަމަށެވެ.

މި ވާހަކަތަކަށް ސަބާ ރައްދު ދިނީ ވެސް ސަމާސާ ރާގަކަށެވެ. އޭނާ ބުނެފައި ވަނީ ދެވަނަ ދަރިއަކު ހޯދުމަށް އޭނާ ބާރުއަޅަނީ ކަރީނާއަށް ނޫން ކަމަށާއި ކޮއްކޮ ސޯހާ އަލީ ޚާންއަށް ކަމަށެވެ. އަދި މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އިހުތިރާމްކޮށް، ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އެދިފަ އެވެ.

މީގެ 14 އަހަރު ކުރިން 2012 ގައި ކައިވެނިކުރި ކަރީނާ އާއި ސައިފްގެ ދެ ފިރިހެން ދަރިން ތިބެ އެވެ. އެއީ ތައިމޫރާއި ޖެހާންގީރު (ޖޭ) އެވެ.