އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަން (އޭބީބީއެފް )ގެ އެކްޒެކްޓިވް ވައިސް ޕްރެެޒިޑެންޓްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިިން ފެޑެރޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުވެވަޑައިގެންފި އެވެ.

އިއްބެ އަކީ ބޮޑީބިލްޑިންގައި އޭޝިއާގެ އިސް މަގާމަކަށް އިންތިހާބުވެވަޑައިގަތް ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ މީހާ އެވެ. އިންޑޮނީޝިއާގެ ބަތާމްގައި މިއަދު ބޭއްވި އޭބީބީއެފްގެ އިލެކްޓޯރިއަލް ކޮންގްރެސްގައި އެކްޒެކްޓިވް ވައިސް ޕްރެޒިޑެންޓްސްގެ މަގާމަށް އިއްބެ އިންތިހާބުވީ ހަތަރު އަހަރުގެ މުއްދަތަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ވަނީ އޭޝިއާ އަދި ދުނިޔޭގެ ފެޑެރޭޝަންތަކުގެ ގޮނޑިތައް ފުރުއްވައިފަ އެވެ. އެކަމަކު އާއްމުކޮށް އެއީ އެގްޒެކެޓިވް ކޮމިޓީ ފެންވަރުގަ އެވެ.

ބޮޑީބިލްޑިންގައި މިހާރު އޮތް ހިންގާ ކޮމިޓީން ރާއްޖޭގައި މި ކުޅިވަރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ މޭސްތިރިއަކީ އިއްބެ އެވެ. ދާދި ފަހުން އޭޝިއާގެ ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ވެސް އިންތިހާބުވެވަޑައިގަތް އިއްބެ އާއި ބީބީއޭއެމްގެ މިހާރު އޮތް ހިންގާ ކޮމިޓީގެ ބުރަ މަސައްކަތާ އެކު އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮންނާނީ މާލޭގަ އެވެ.

މިއީ ބޮޑީބިލްޑިން އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ބީބީއޭއެމް އިން ގަބޫލުކުރެ އެވެ.

އޭބީބީއެފްގެ އިލެކްޓޯރިއަލް ކޮންގްރެސްގައި ބައިވެރިވި ރާއްޖޭގެ ފަރާތްތަކާއި އޭބީބީއެފްގެ އިސް މެމްބަރުން.-- ފޮޓޯ: އަބްދުﷲ އަބީދު/ ހާފްކޯޓް.އެމްވީ
އޭބީބީއެފްގެ އިލެކްޓޯރިއަލް ކޮންގްރެސްގައި ބައިވެރިވި ރާއްޖޭގެ ފަރާތްތަކާއި އޭބީބީއެފްގެ އިސް މެމްބަރުން.-- ފޮޓޯ: އަބްދުﷲ އަބީދު/ ހާފްކޯޓް.އެމްވީ

މިއަދު އޮތް އިލެކްޓޯރިއަލް ކޮންގްރެސްގައި އޭބީބީއެފްގެ ރައީސްގެ މަގާމުގައި ހުންނެވި ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާ ވަނީ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. އޭޝިއާ އާއި މުޅި ދުނިޔޭގެ ބޮޑީބިލްޑިންގައި ވެސް ނަން ފަވާލެވޭ ދަތުކު އަށް ގިނަ ބަޔަކު ނިސްބަތްކުރަނީ "އޭޝިއާގެ ބޮޑީބިލްޑިންގެ ބައްޕަ" ގެ ނަމުންނެވެ. މި ކުޅިވަރު ވުޖޫދުކުރުމަށް މިހާރު އުމުރުން 77 އަހަރުގެ ދަތުކު ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެކި ފަހަރު މަތިން ދުނިޔޭގެ އެކި ގައުމުތަކުގެ ބޮޑީބިލްޑިން އެސޯސިއޭޝަނު އޭނާ އަށް ޝުކުރު އަދާކުރިއިރު، މިއަދުގެ ކޮންގްރެސްގައި ވެސް އެކި ގައުމުތަކުން ވަނީ އެވޯޑްތަކެއް ދީފަ އެވެ. މިއަދުގެ ކޮންގްރެސްގައި އޭނާ ހަނދާނީ ފިލައެއް ދިން ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ދަތުކު ވިދާޅުވީ ދުނިޔޭގެ ބޮޑީބިލްޑިންގައި އޭޝިއާ އަކީ އެންމެ ބޮޑު ހިއްސާއެއްވާ ފެޑެރޭޝަން ކަމަށާއި އެކަން ދެމި އޮތުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އޭޝިއާގެ ގައުމުތަކުން ކަމަށެވެ. އަދި އެކި ގައުމުތަކުގެ މެމްބަރު އެސޯސިއޭޝަންތަކުން ކުރާ ރަނގަޅު މަސައްކަތްތައް ފާހަގަކުރާ ކަމަށާއި އޮންނަ އުސޫލުން ބޭރުން ކުރާ ކަންތައްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

ދަތުކު ވިދާޅުވީ އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް (ސާފް) ގޭމްސްގައި ބޮޑީބިލްޑިން ހިމެނުމުގެ ހުރިހާ މަޝްވަރާތަކެއް ނިމިފައިވާ ކަމަށެވެ. އެ މުބާރާތުގައި ރާއްޖޭން ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ އަންނަ މަހު ކަމަށް ބީބީއޭއެމް އިން ވަނީ ބުނެފަ އެވެ.