ގައުމީ ބޮޑީބިލްޑިން ޓީމަށް ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗަކު މިއަދު ހަމަޖެހިފައިވާއިރު ބޭނުންވަނީ ރާއްޖޭގެ ބޮޑީބިލްޑިން އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނެފި އެވެ.
ނޭޕާލުގެ ކަތުމަންޑޫގައި މިދިޔަ ޖުލައި މަހު އޮތް 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ތިން ރަން މެޑެއްޔާއި ދެ ލޯ މެޑަލް ހޯދުމާ ގުޅިގެން ބީބީއޭއެމްއާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ބޭއްވި ބައްދަލުވުމުގައި އެއްބަސްވެވުނު އެއް ކަމަކީ ގައުމީ ބޮޑީބިލްޑިން ޓީމަށް އިތުރު ކާމިޔާބީ ހޯދަން ބިދޭސީ ކޯޗެއް ހަމަޖެއްސުމަށެވެ.
ގައުމީ ޓީމަށް ހަމަޖެއްސި ބިދޭސީ ކޯޗަކީ އިންޑިއާގެ އަނުރާގް އަނިލްކުމާރް އެވެ. އޭނާ އަކީ އިންޑިއާގައި ފާއިތުވި އަހަރުތަކުގައި ފިޓްނަސް ޓްރެއިނިން ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބީބީއެމްއާ އެކު ސްޕޯޓްސް މިނިސްޓަރު މަހުލޫފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއީ ކުޅިވަރަށް އަނެއްކާ ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން މީގެ ކުރިން ވެދާނެކަމަށް ގަބޫލުކުރި ކަންތައްތަކެއް ވެސް ނޫން. ނިސްބަތުން ފުޓްބޯޅަ ކަހަލަ ކުޅިވަރާ އަޅާބަލާއިރު ކުދިކޮށް ފެންނަން ހުރި ކުޅިވަރުތަކަށް އަޅުގަނޑުމެން ވަރަށް އުފާވޭ މިހެން ކަންތައް ކޮށްދެވޭތީ. މިއީ ތާރީހީ ދުވަހެއް ހަގީގަތުގައި. މިއީ އަޅުގަނޑުމެންގެ ގައުމީ ޓީމު އަނެއް ހަރުފަތަށް ގެންދިއުމުގެ ގާބިލުކަން ހުރި ކޯޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެސޯސިއޭޝަންތަކަށް ކޮށްދޭ ކަންތައްތަކުގެ ބަދަލަކަށް ބޭނުންވަނީ ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ ކާމިޔާބެއް،"
ކޯޗު އަނުރާގް ބުނީ އޭނާގެ ތަޖުރިބާގެ އަލީގައި ދުނިޔޭގެ ފެންވަރުގެ ރަނގަޅު އެތުލީޓުން ރާއްޖޭގައި ތަމްރީނުކުރަން ބޭނުންވާ ކަމަށެވެ.
"އަހަންނަށް ރާއްޖޭން ފެނިއްޖެ މި ކަމުގައި ކުރިއަށްދެވޭނެ އެތައް ޒުވާން ކުދިންތަކެއް. އަހަރެން ބޭނުމީ އެ ފަދަ ކުޅުންތެރިންނަށް ވީ އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރުކޮށްދޭން. އަހަރެން މި މަސައްކަތްކުރާނީ މި ކުދިން ދުނިޔޭގެ އެއް ވަނަ އަށް ހަދައިދޭން. އެއީ އަހަރެންގެ ވިސްނުމަކީ ވެސް އަހަރެން މަސައްކަތްކުރަން ބޭނުންވާ އަޒުމަކީ ވެސް،" އޭނާ ބުންޏެވެ.
ބީބީއެމްގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ މި ވަގުތަށް މި ތިބި އެތުލީޓުން ބޭނުންކޮށްގެން ކުރު މުއްދަތެއްގައި ހާސިލްކުރެވޭނެ ގޮތްތަކެއް މަޝްވަރާކުރެވިފައިވާނެ ކަމަށެވެ.
"ދެން ކުރިއަށް މި އޮތް ސެޕްޓެމްބަރު 27 ގައި މިއޮތް މުބާރާތުގައި އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ތިން ގޯލްޑް މެޑަލް ލިބޭނެކަަމަށް. ވަރަށް ފުރުސަތު ބޮޑު. އެކޮޅުގެ ކެޓަގަރީތަކާއި މީގެ ކުރިން ލިބިފައިވާ ކާމިޔާބީ އަށް ބަލައިގެން މި ޓާގެޓްކުރަނީ،" އިބްރާހިމް ވިދާޅުވި އެވެ.
ބީބީއެމްގެ ނައިބު ރައީސް އަލީ ރިފާއު ވިދާޅުވީ މިހާރު އެ އެސޯސިއޭޝަން ހިންގުމުގައި އޮތް ޓީމު އެ ޒިންމާއާ ހަވާލުވިތާ މިވީ ހަތަރު އަހަރު ތެރޭގައި އެ އެސޯސިއޭޝަނަށް މި ސަރުކާރާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ބަހައްޓަވާ ގާތްކަން ފާހަގަކުރާ ކަމަށާއި އުއްމީދަކީ މީގެ ބަދަލު ރަނގަޅު ގޮތުގައި ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ކުޑަކުޅިވަރެއް ބޮޑު ކުޅިވަރެއް ބެލުމެއް ނެތި ހުރިހާ ކުޅިވަރަކަށް މަސައްކަތްކޮށްދޭ ކަމަށާއި މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ.
ގައުމީ ޓީމަށް ބިދޭސީ ކޯޗެއް ސަރުކާރުން ހަމަޖައްސައިދިނުމުން ހަގީގަތުގައި މިއީ ލިބޭ ފަސޭހައަކަށް ވުރެ ބޮޑަށް އިތުރުވާ ޒިންމާއެއްގެ އިތުރުން ބުރައެއްގެ ގޮތުގައި ރިފާއު ސިފަކުރައްވަ އެވެ. އެއީ އޭގެ ބަދަލު ދޭން ޖެހޭއިރު ވަރަށް ފުރިހަމަ އަށް އެކަން ކުރަން ބޭނުންވާތީ ކަމަށް ރިފާއު ވިދާޅުވި އެވެ.
"ބައެއް މީހުން ހީކޮށްފާނެ ބޭރު ކޯޗެއް ލިބުނީމަ މިއީ ފަސޭހައެކޭ. އެކަމަކު ހަގީގަތަކީ މިއީ ހާސިލްކުރަންޖެހޭ ކަންތައްތަކަށް ލިބިގެންދިޔަ ބުރައެއް. އެއީ ރައްޔިތުން ސުވާލުކުރާނެ ކޮބާތޯ ތިމަންނަމެން ކުރި ހަރަދުގެ ބަދަލު. އެހެންވީމަ އަޅުގަނޑުމެން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ދަތުރެއް ކޮށްފައި އަންނައިރު ރިސިޓެއްގެ ބަދަލުގައި ގެންނަން ބޭނުންވަނީ މެޑަލް،" ރިފާއު ވިދާޅުވި އެވެ.
އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދެ އެވެ. ރިފާއު ބުނީ މި މުބާރާތަށް އެ އެސޯސިއޭޝަނުން ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށާއި އޭގެ ސަބަބުތަކެއް އެބައޮތް ކަމަށެވެ.
"އެއީ ދިވެހިރާއްޖޭގެ ފަސް ގަނޑުގައި ބާއްވާ މުބާރާތެއްގައި ގިނަ ވަނަ ހޯދުމަކީ އަޅުގަނޑުމެން ފަހުރުވެރިވާނެ ކަމެއް. ފަސޭހަވެ ހަރަދުވެސް ކުޑަވާނެ. އެއީ ރާއްޖޭން ބޭރަށް 30 ނޫނީ 40 އަކަށް އެތުލީޓުން ގެންދިއުމަކީ ފަސޭހަވާނެ ކަމެއް ނޫން. އަމިއްލަ ފަސްގަނޑުގައި އޮންނަންޏާ 50 އެތުލީޓުން ވެސް ބައިވެރިކުރެވޭނެ،" ރިފާއު ވިދާޅުވި އެވެ.
ބޮޑީބިލްޑިން އިން އާ ކޯޗާ އެކު ޕްލޭންތަކެއް ހަދާއިރު ހަމައެކަނި އިސްކަމެއްދޭނީ އެތުލީޓުންގެ ތަރައްގީ އަށް ނޫން ކަމަށާއި ކޯޗުގެ އެހީގައި ރާއްޖޭގައި ތިބި ޓްރެއިނަރުން ތަރައްގީ ކުރުމަށް ވެސް އެކި ކަންތައްތައް ރޭވިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
"އަސްލު ޒިންމާ ބޮޑު ކޯޗަށް. އެއީ ގައުމީ ޓީމެއް ނޫން ހަމައެކަނި މި ޓްރެއިން ކުރަންޖެހެނީ. އަޅުގަނޑުމެންގެ ފެސިލީޓސްއެއްގެ ގޮތުގައި ހުރި އަޅުގަނޑުމެންގެ ޓްރެއިނަރުން ވެސް އެބަޖެހޭ އިތުރަށް ތަރައްގީކޮށްދޭން. ވީހާވެސް އަޅުގަނޑުމެންގެ އިންފްލުއެންސެއް ނެތި ކޯޗުގެ އެޖެންޑާއާ އެއްގޮތަށް ކުރިއަށްދާން ބޭނުމީ." ރިފާއު ވިދާޅުވި އެވެ.
ބޮޑީބިލްޑިން އިން އަންނަ މަހު 27 ވަނަ ދުވަހު އިންޑޮނީޝިއާގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާތަކަކަށް ޓާގެޓްކުރެ އެވެ. މީގެ ކުރިން ރާއްޖޭން ވަނީ މި މުބާރާތުގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ.