ސިންގަޕޫރު (ސެޕްޓެމްބަރު 25) - ބޮކްސިން އެކްޒިބިޝަން މެޗެއްގައި ބައިވެރިވެރިވިތާ ގަޑިއެއްގެ އިރު ފަހުން ސިންގަޕޫރުގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޕްރަދީޕް ސުބްރަމާނިއަން މަރުވެއްޖެ އެވެ.
އުމުުރުން 32 އަހަރުގެ ސުބްރަމާނިއަން މަރުވީ މިދިޔަ ހޮނިހިރު ދުވަހު އޭޝިއަން ފައިޓިން ޗެމްޕިއަންޝިޕް ހުޅުވުމަށް ކުޅުނު އެކްޒިބިޝަން މެޗެއްގައި ޔޫޓުބިއުބުން މީހުންގެ މަގުބޫލުކަން ހޯދާފައިވާ ސްޓީވަން ލިމް އަތުން ބަލިވި މެޗު ނިމުނުތާ ގަޑިއެއްހާއިރު ފަހުންނެވެ. މިއީ ސުބްރަމާނިއަން ތެޅި ފުރަތަމަ ތައި ކިކް ބޮކްސިން މެެޗެވެ. މި މެޗުގައި ސުބްރަމާނިއަން ތެޅީ ކުރިން ބައިވެރިވަން ހަމަޖެހިފައި އޮތް ސިންގަޕޫރު އައިޑަލްގެ ތަރި ސިލްވާސްޓާ ސިމް އަށް ބައިވެރިނުވެވުމުންނެވެ.
މި މެޗުގެ ފުރަތަމަ ރައުންޑުގައި ސުބްރަމާނިއަން ކުރީގައި އޮތް ނަމަވެސް ދެ ވަނަ ރައުންޑުން ފެށިގެން ލިމް ދިޔައީ ކުރި ހޯދަމުންނެވެ. އަދި މި ރަންޑުގައި ލިމް ޖެހުމުގެ ސަބަބުން ސުބްރަމާނިއަން ނޭފަތް ފަޅައިގެން ދިޔަ އެވެ. އަދި ރެފްރީ އަށް އެކަން އެނގުމާ އެކު ލިމް މޮޅުވީ ކަމަށް ނިންމައި މެޗު ނިންމާލި އެވެ. މެޗު ނިންމާލިއިރު ވެސް ސުބްރަމާނިއަން ހުރީ ކޮޅަށް ކަމަށާއި އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭނާ ފެނުނީ ހޭނެތިފައި އޮއްވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިންގަޕޫރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ސުބްރަމާނިއަން މަރުވީ ސިންގަޕޫރު ޖެނަރަލް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ސުބްރަމާނިއަން ތެޅި މެޗު އިންތިޒާމްކުރި އެކްސީޑްސް އިވެންޓްސް އެންޑް މިއުޒް ފިޓްނަސް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުބްރަމާނިއަންގެ މަރާ ގުޅިގެން ލިބުނީ ކުއްލި ސިހުމެއް ކަަމަށާއި އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔާ ކަމަށެވެ.
ސުބްރަމާނިއަންގެ އާއިލާގެ މެމްބަރަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކުރި ގޮތުގައި އޭނާ މަރުވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އޮޅުން ފިލުވަން އިތުރު ރިޕޯޓްތައް ހަދަމުން އަންނަ ކަމަށާއި އިތުރު އެއްޗެއް ބުނަން އެނގޭނީ އޭގެ އަށް ފަހުގައި ކަމަށެވެ.
މިދިޔަ މަހު މާލޭގައި އޮތް ބޮޑީބިލްޑިން މުބާރާތުގެ އިސް ޖަޖެއްގެ ގޮތުގައި މަސައްކަތްކުރީ ސުބްރަމާނިއަން އެވެ. ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނާއި ގާތްގުޅުމެއް އޮންނަ ސުބްރަމާނިއަން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ސުބްރަމާނިއަންގެ މަރާ ގުޅިގެން އޭނާގެ އާއިލާ އަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ވަނީ ތައުޒިޔާ ފޮނުވައިފަ އެވެ.