މީގެ 10 އަހަރު ކުރި އެވެ؛ މ. މުލި، ހާއިފް އަހުމަދު އުޅެނީ ޑައިވިނަށް ގޮހެވެ؛ ސަފާރި ދުއްވުމުގަ އެވެ؛ ރާޅާ އެޅުމުގެ ކޮންމެ ވެސް މުބާރާތެއްގަ އެވެ.
އެކަމަކު އުމުރުން 22 އަހަރުގައި ޑައިވިނަށް ގޮސްއުޅެނިކޮށް، އޭނާގެ ހަށިގަނޑުގެ އެއްބައި ކުއްލިއަކަށް ވާގި ނެތި، ބާރު ކެނޑުނީ އެވެ. މޫދާއި ކަނޑުގައި ހަރަކާތްތެރިކޮށް އުޅެމުން ދަނިކޮށް ހަމަ ކުއްލިއަކަށް އެ ޒުވާނާގެ ނުކުޅެދޭ މީހަކަށް ބަދަލުކޮށްލީ އެވެ.
"ގާތްގަނޑަކަށް ނުވަ މީޓަރު އަޑީގައި އޮއްވައި މައްޗަށް އަރަމުން ދަނިކޮށް މަޑިއެއް ފެނިގެން ތަންކޮޅެއް ބާރަށް ގޮސް މައްޗަށް އަރައިފައި، ދޯންޏަށް އެރި ފަހުން މީހާގެ ލޯ މައްޗަށް އަނދިރިވާން ފެށީމަ ދޯނީގައި ތިބި ކުދިންގެ އެހީއާއެކު ދޯނީގެ ގެގަނޑުގައި އޮށޯވެލީ. ފަހުން ތެދުވަން އުޅެ ނުތެދުވެވުނީމަ އެނގުނީ މީހާގެ އުނަގަނޑުން ތިރީގައި އެއްވެސް ކަމެއް ނެތްކަން،" އުމުރުން 33 އަހަރުގެ ހާއިފް ކިޔައިދިނެވެ.
ސަފާރި ދުއްވުމުގެ ލައިސަންސް އޮތް ހާއިފް އޭރު ހުރީ ބ. އަތޮޅުގަ އެވެ. ހާއިފްގެ މަންމަ، އައިޝަތު ހަމީދާ ބުނި ގޮތުގައި ބ. އަތޮޅުން އައިޖީއެމްއެޗާ ހަމައަށް ހާއިފް ގެންދެވުނީ ވެސް އެ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ. އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗުން ލަފާ ދިނީ ބަނޑޮހުގެ މެޑިކަލް ސެންޓަރު، "ބަނޑޮސް ޗެމްބާ" އަށް އޭނާ ގެންދިއުމަށެވެ.
"ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަހު ބަނޑޮހުގެ ޗެމްބަރުން ޓްރީޓްމެންޓް ނެގިފަހުން ބަނޑޮހުގެ ޗެމްބަރުން ބުނަނީ ހިޔެއް ނުވެޔޭ ޑައިވްގެ މައްސަލައެއް ހެންނެއް. ކަށީގެ މައްސަލައެއް ނުވަތަ ނާރުގެ މައްސަލައެއް ހުރެދާނެޔޭ."
ހަމީދާ ބުނިގޮތުގައި އޭނާގެ އާއިލާ އަކީ ތަނަވަސް އާއިލާއެއް ނޫނެވެ. އެހެންވެ ހާއިފް ރާއްޖެއިން ބޭރަށް ގެންދަން ފައިސާ ހޯދަން ޖެހުނީ މީހުން އަތުން ސަލާމް ޖަހައިގެންނާއި ހާއިފްގެ ބައްޕަ، އަހުމަދުގެ ނަމުގައި 75،000 ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. ދެން ހާއިފް އަށް އެހީ ލިބުނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިއެއްގެ ފަރާތުން ކަމަށް އަހުމަދު ބުންޏެވެ.
ހާއިފް އަށް މި ހާދިސާ ކުރިމަތިވި އިރު އަހުމަދު ހުރީ އއ. ރަސްދޫގައި ދޯންޏަކުން މަހަށް ދާން ގޮހެވެ. އޭނާ ބުނި ގޮތުގައި ހާއިފްގެ އުނގަނޑުން ތިރި ވާގި ނެތިއްޖެ ވާހަކަ އިވުމުން، އޭނާ އަށް ގަބޫލު ކުރެވުނީ ހާއިފްގެ "ކަންކަން ނިމިގެން ދިޔައީ" ކަމަށެވެ.
"ފޯނު ކޮށްލައިފައި އަޅުގަނޑަށް ބުނެވުނީ ދަރިފުޅާއޭ ދަރިފުޅުގެ ކަންކަން ދިޔައީދޯއޭ. އެކަމަކު އޭނާ ބުނި ބައްޕާއޭ ތިމަންނަ ރަނގަޅޭ، އަހުމަދު ކިޔައިދިނެވެ.
"އަޅުގަނޑަށް ނުވެސް ނިދުނު، ކާހިތް ކެނޑި ދޯނި ތެރޭގައި އޮށޯވެގެން އޮވެވުނީ."
ހާއިފަށް މި ދިމާވީ އާދަޔާ ހިލާފް ކަމެކެވެ. ބޭރުފުށުން އެއްވެސް ހާނިއްކައެއް ނެތެވެ. އެކަމަކު، ޑައިވިނުގައި މައްސަލައެއް ވެސް ނެތި، މީހާ ނުކުޅެދޭ މީހަކަށް ހަދާލާ ވަރުގެ ކަމަކާ އޭނާ އަށް ކުރިމަތިލާން ޖެހުނީ ކީއްވެ ހެއްޔޭ އެއީ އޭނާގެ ވެސް އޭރުގެ ސުވާލެކެވެ.
"އިންޑިއާ އަށް ގޮސް ހެއްދި ސްކޭންތަކުން މި ދައްކަނީ މައިބަދަ ވަރަށް ބޮޑަށް އެނބުރިފައި އިންތަން،" ހާއިފް، ފުޅޮލުލީ ގޮނޑީގައި އިނދެ ބުންޏެވެ.
އިންޑިއާގެ ޑޮކްޓަރުން އިރުޝާދު ދިނީ ފިޒިއޮތެރަޕީ ހަދައި ކަސްރަތުކޮށް އުޅުމަށެވެ. ރަށަށް ގޮސް ކަސްރަތު ކުރަން ފެށި ނަމަވެސް މާ ބޮޑު ކުރިއެރުމެއް ލިބޭ ކަމުގެ އިހްސާސެއް އޭނާ އަށް ނުކުރެވޭ ކަމަށް ހާއިފް ބުންޏެވެ. ދެން ދާން ފެށީ މޫދަށެވެ. އޭނާ ބުނި ގޮތުގައި މޫދަށް ގޮސްގެން ފޫހިވާ ގޮތްވި އެވެ. އަދި އެކަމުން ކުރިއެރުމެއް ލިބޭ ކަމުގެ އިހްސާސެއް އޭނާ އަށް ނުކުރެވުނެވެ.
"އެހާ ހިސާބުން އަޅުގަނޑު ނިންމީ ކޮންމެ ވެސް ގޮތަކުން ނަމަވެސް ކުރެވޭ ގޮތަށް ރާޅަށް ޖައްސަން."
އަލުން ސާފިން ދިރިއުޅުމަށް އެނބުރި ދާން، ހިތު ލައިގެން ހުއްޓައި އޭނާގެ ނަސީބު އަތުގައި ހިފި އެވެ. އެ ރަށަށް ލެފި ސަފާރިއެއްގައި ހުރި އޭނާގެ ރައްޓެސަކު ދިނީ ބޯޑީ ބޯޑިން އަޅަން ބޭނުންވާ ބައެއް ސާމާނެވެ. ދެން އެ ރަށަށް ދިޔަ ގެސްޓަކު ދިން ބައެއް ސާމާނުގެ އެހީގައި އޭނާ އަލުން ރާޅުތަކުގެ ތެރެއަށް ނުކުތެވެ.
"ރާޅާ އަޅާއިރު މާބޮޑު އުނދަގޫތަކެއް ނުވޭ. ހަމައެކަނި ފައި މަސައްކަތް ނުކުރާތީ އަތަށް އިންނާނެ ރައްޓެހި ގެސްޓަކު ދީފައިން އަންގިއެއް. އެ އަންގި ލައްވައިގެން ޕެޑަލްކޮށްފަ ރާޅާ އަޅަނީ،" ޝޯޓް ބޯޑް އަދި ލޯންގް ބޯޑް އިވެންޓްގައި ވެސް އަދި ބޮޑީ ބޯޑިންގައި ވެސް ކުރިން ރާޅާ އެޅި ހާއިފް ބުންޏެވެ.
"ޝޯޓް ބޯޑްގައި މިއަޅާ ކުދިން ރާޅަށް ޖައްސާ ގޮތަށް ޖައްސަން. އެ މީހުންނަކީ ވެސް އަތުން ޖައްސައިފަ އަޅާ ބައެއް. ދެން ބޮޑީ ބޯޑް ކުރާ އިރު ބައެއް ފަހަރު އުނދަގޫވޭ. ބައެއް ފަހަރު ރާޅު ހުންނަ ގޮތުން އެހެން ނޫނިއްޔަކާ ރާޅާ ޖައްސާއިރު އުނދަގޫތަކެއް ނުވޭ."
މުޅިން ރަނގަޅު ކުރެވިދާނެ ކަމަށް ބުނި، އެކަމަކު ރިސްކު ބޮޑު
ރިސްކު ބޮޑު އޮޕަރޭޝަނެއް ކޮށްގެން ހާއިފް ރަނގަޅު ކުރެވޭނެ ކަމުގެ 50 ޕަސެންޓް އުންމީދެއް އިންޑިއާގެ ޓެމިލް ނާޑޫގެ ޑޮކްޓަރަކު ދިނެވެ. އެކަމަކު އެ އޮޕަރޭޝަނުގެ ހުރި ރިސްކު ބޮޑުކަމުން އޭނާ އަށް ކުރަން ނުކެރުނީ އެވެ. އަދި މިހާރު އުޅެވޭ ގޮތަށް ރަޅު ތެރޭގައި ދެން ދުވަހަކު ވެސް ނޫޅެވިދާނެ ކަމުގެ ބިރު ވެސް އޮތުމުން ހާއިފް ނިންމީ ބޮޑު އެ އޮޕަރޭޝަނައިގެން ކުރިއަށް ނުދިއުމަށެވެ.
"ޑޮކްޓަރު ބުނި ބޮޑު އޮޕަރޭޝަނެއް ކޮށްފައި މައިބަދައިގައި ބޯލްޓެއް އަޅައިފަ މައިބަދަ ސީދާ ކޮށްގެންނޭ ވާން އޮތީ،" މިދިޔަ މަހު މުލީގައި ބޭއްވި، ސާފި ލީގުގެ ކަވަރޭޖްގެ ތެރެއިން "މިހާރު" އަށް ދިން އިންޓަވިއުގައި ހާއިފް ކިޔައިދިނެވެ.
"އެކަމަކު އެގޮތަށް އަޅުގަނޑު ބޭނުން ނުވަނީ. އެއީ އަޅުގަނޑަކީ ކަނޑުމަތީގެ ލައިފަށް ވަރަށް ބޮޑަށް ލޯބި ކުރާ މީހެއް އަނެއްކާ ރާޅަށް ވަރަށް ލޯބި ކުރާ މީހެއް އޭގެ ރިސްކު ބޮޑު ކަމުން އެކަން ކުރަން ބޭނުން ނުވީ."
މި ހާދިސާގެ ކުރިން ހާއިފް އަކީ ވެސް ގިނަ އުންމީދުތަކެއް ހާސިލު ކުރުމަށް މަސައްކަތް ކުރި ޒުވާނެކެވެ. ފުރާވަރުގެ އުމުރު ފަހަނައަޅައި ދިއުމުން ކައިވެންޏަކަށް އޭނާ ވެސް އުންމީދުތައް ކުރި އެވެ. ފުދުންތެރި ޒުވާނެއްގެ ގޮތުގައި ދިރިއުޅުން ބިނާ ކުރަން އުމުރުން 18 އަހަރުގައި އާމްދަނީ ހޯދަން މަސައްކަތް ފެށި އެވެ. އެކަމަކު ހާލަތު މެދުވެރިވި ގޮތުން އޭނާ އަށް އެ ހުވަފެންތައް ހަގީގަތަކަށް ނުހެދުނަސް ދިރިއުޅުމައިގެން ކުރިއަށް ދިއުން އޭނާ ހުއްޓައެއް ނުލަ އެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރެ އެވެ. އޭނާގެ ހިތް ދިން ކަނޑު މައްޗަށް އޭނާގެ އާމްދަނީ ބިނާ ކުރި އެވެ.
ގޭގައި އޮންނަ ޑިންގީއެއްގައި މަހަށް ދެ އެވެ. ގެސްޓުން ގޮވައިގެން ރާޅަށް ގޮސްގެން ވެސް ލިބޭ ފައިސާކޮޅުން ދިރިއުޅުން ބައްޓަން ކުރުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުއްޓެވެ. ޑިންގީ އަށް އަރައި ފައިބައި ހަދަނީ އެހީތެރިޔަކާ އެކު އެވެ. ރަށުގެ އެހެން ބައެއް ޑިންގިތަކުން ބައެއް ފަހަރު މަހަށް ނުކުންނައިރު ހާއިފް ގެންދެ އެވެ. ޑިންގީ ތެރޭގައި އޭނާ އިނދެވޭނެ ގޮތަކަށް ހަދައިދީ އޭނާ އަށް ޖާގަ ދީގެން އުޅެ އެވެ.
"ދިރިއުޅުމަކަށް މާބޮޑު ބަދަލެއް ނާދޭ. ހަމައެކަނި ބަދަލަކީ އާމްދަނީ ހޯދުމަށް ވަކި ކަމަކަށް ހާއްސަވެގެން ހުރެ ކަމެއް ނުކުރާކަން،" ހާއިފް ކިޔައި ދިނެވެ.
"މިހާރު އާމްދަނީ ހޯދުމަށް މި ކުރާ ކަމަކީ ގޭގައި އޮންނަ ޑިންގިއެއްގައި މަންމަމެން ދައްތަމެންނާ އެކު މަހަށް ގޮސްލާ، މިކޮޅަށް އަންނަ ބައެއް ގެސްޓުން ރިކުއެސްޓް ކުރީމަ އެ މީހުންނާ އެކު ގައިޑަކަށް ގޮސްލާ ހަދާލުން. އެ މީހުން ދާއިރު އަޅުގަނޑު އުފުލައިގެން ގެންދާނީ ވެސް އެ މީހުން."
މުލީގައި ބޭޭއްވި ސާފިން މުބާރާތުގައި ވެސް ހާއިފްގެ ދައުރު ބޮޑެވެ. އެތުލީޓުން ރާޅަށް ފޭބުމުން، ސާފިންގެ ގަވާއިދުގައި ބުނާ ގޮތަށް ނަގަންޖެހޭ ކުލަ ކޯޑް ދިދަތައް ނަގައި ތިރިކުރަން ޖަޖުގެ ސަފުގެ ހަވާސާގައި ވެސް ހުރީ ހާއިފެވެ.
"މި އިވެންޓަކީ (ސާފިން ލީގުގަކީ) ޝޯޓް ބޯޑްވީމަ ނާޅަނީ. މީގަ ނީނދޭ ބޯޑީ ބޯޑިންއެއް. ބޯޑީ ބޯޑިން މުބާރާތެއް ނަމަ މުބަރާތުން ވެސް އަޅުގަނޑު ފެންނާނެ،" އޭނާ ބުންޏެވެ.
ރަށުގައި އެކި ތަންތަނަށް ދިއުމަށް އޭނާ އުޅެނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އޭނާގެ މަންމަ ހަމީދާ ބުނި ގޮތުގައި ފުރޮޅުލީ ގޮނޑިއެއް ލިބުނު ދުވަހަކީ ހާއިފް ވަރަށް އުފަލުން އުޅުނު ދުވަހެކެވެ. އޭނާ އަށް ފުރަތަމަ ލިބުނު ގޮނޑިއަކީ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކު ބޭނުން ކުރަން ގެންގުޅުނު ގޮނޑި އެވެ.
ދިވެހި ބޭސް ކޮށްގެން ވެސް އޭނަ ރަނގަޅު ކުރެވޭތޯ އޭނާގެ ބައްޕަ މެން ބެލި އެވެ. ބައްޕަ އޭނާ އަށް ކުރި އިލްތިމާސަކީ ގަދަ ހިތްވަރެއް ނެރެ ކުރިއަށް ދިއުމެވެ.
"ހިތްވަރު ކޮށްގެން އުޅޭށޭ. ބޭބެ ވެސް މިހުރީ މުސްކުޅި ވެފައޭ،" ރޮމުން ރޮމުން އަހްމަދު ވާހަކަ ދައްކަމުން ދިޔަ އެވެ.
ހާއިފް ބުނި ގޮތުގައި ހިތްވަރުކޮށްގެން ދިރިއުޅެން ހާއިފް އޭނާ އަށް ދަސްވެއްޖެ އެވެ. ދޫދިނުމެއް ނެތެވެ. އޭނާ މިސާލެއްގެ ގޮތުގައި ދެއްކީ މި ހާދިސާ އަށް ދެ އަހަރު ފަހުން އޭނާ ބޯޑީ ބޯޑް ކުރަން މަސައްކަތް ކުރުމުން އެކަން ނުކުރެވިދާނެ ކަމުގެ ބިރު ހީވުމެވެ. އެކަމަކު ނުވާނެ ކަމަށް ބަލައި އެއްގަމަށް އަރަން ހިޔާލެއް ނުކުރި އެވެ.
"ކުރީގައި އަޅުގަނޑަށް އުނދަގޫވޭ އެންމެ ބޮޑެތި ރާޅުގައި ބޯޑީ ބޯޑް ކުރަން. އެކަމަކު މިހާރު އެންމެ ބޮޑެތި ރަޅުގައި ވެސް އަޅަން. ކޮންމެ މީހެއް ކައިރީ ވެސް އަޅުގަނޑު ބުނާނީ ގިވަޕް ނުކުރާށޭ،" އޭނާ ބުންޏެވެ.